ކަރަންޓް ހަތިޔާރު ފުލުހުންނަށް ދިނުމާ ދެކޮޅަށް އަޑުއުފުލަނީ

ޓޭޒާ ގަން ---

ފުލުހުންގެ އޮޕަރޭޝަންތަކުގައި ކަރަންޓު ފިސްތޯލަ ނޫނީ ޓޭޒާ ގަން ބޭނުންކުރަން ފެށި ވާހަކަ ބުނުމުން އެކަމާއި ދެކޮޅަށް އަޑު އުފުލަން ފަށައިފިއެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ފުލުހުން ޓޭޒާ ގަން ބޭނުން ކުރަން ފަށާފައި ވަނީ ފުލުހުންގެ ސަލާމަތާއި އާއްމުންގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

އެ ހަތިޔާރު ބޭނުން ކުރާނީ ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި ކަމަށާއި އަދި އެ ހަތިޔާރު ބޭނުން ކުރާނީ ލިބިގެން ދާނެ ގެއްލުންތައް ކުޑަ ކުރުމަށް ކަމަށް ސީޕީ ވިދާޅުވިއެވެ.

އަދި އެ ހަތިޔާރު ބޭނުން ކުރާއިރު ފުލުހުން އެ ހަތިޔާރު ބޭނުންކުރާ ގޮތް މޮނީޓާ ކުރެވިގެން ދާނެ ކަމަށާއި އެ ހަތިޔާރު ފުލުހުން ބޭނުން ކުރާނީ ޒިންމާދާރުކަމާއި އެކީގައިތޯ ބެލުމަށް ބޮޑީ ކެމެރާ ވެސް ބޭނުންކުރާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ މިފަދައިން ވިދާޅުވެ މީޑިއާތަކަށް އެ ހަބަރު އެރުމާއި އެކު އާއްމު ރައްޔިތުން ސޯޝަލް މީޑިއާގައި ކެކެން ފެށިއެވެ. މީގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ. އެގޮތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާތަނަށް ފެނިފައި ވަނީ ފުލުހުން ރައްޔިތުންނަށް ހަމަލާދީ އަނިޔާކުރިތަން ކަމަށާއި ރައްޔިތުން ހަމަލާ ދިން މަންޒަރު ނޫން ކަމަށެވެ. އަދި ފުރަތަމަ ފުލުހުން ރީހެބިލިޓޭޓް ނުކޮށް އެފަދަ ހަތިޔާރެއް ދިނުމަކީ ރައްކާތެރި ކަމެއްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި މިހާރު ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި އުޅޭ ގިނަ އަދަދެއްގެ ފުލުހުން ގާނޫނުތަކަށް ފުރިހަމައަށް އަހުލުވެރިވެފައިނުވާއިރު، އެކަން ނުކޮށް އަދި ފުލުހުންގެ މުއައްސަސާ ރަގަޅަށް ރިފޯމްނުކޮށް އެފަދަ ބާރުތަކެއް ދިނުމަކީ ގިނަ ރައްޔިތުންނާއި ހުދު އޭނާގެ ވެސް ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.

ބައެއް މީހުން ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ޝުއޫރުތަކުގެ ތެރޭގައި ރައްޔިތުން ކާން ބޯނެ ލާރި ނެތްއިރުވެސް ރައްޔިތުންނަށް އަނިޔާކުރާނެ ހަތިޔާރު ހަވާލުކުރަންޖެހޭތޯ ނުވަނީ ސުވާލު އުފައްދާފައެވެ.

މީގެއިތުރުން ބައެއް މީހުން ވަނީ ފުލުހުންގެ ތަހުގީގުތައް ފުރަތަމަ ރަނގަޅު ކުރުމަށް ގޮވާލައިފައެވެ. އަދި ފުލުހުންގެ ތެރޭގައި އޮތް ކޮރަޕްޝަންގެ މޫތައް ލުހެލުމަށް ވެސް ބައެއް މީހުން ވަނީ ގޮވާލައިފައެވެ.

ދުނިޔޭގެ އެހެނ ގައުމުތަކުގައިވެސް ބޭނުންކުރާ މި ހަތިޔާރު އާއްމު ގޮތެއްގައި ބޭނުންކޮށް އުޅެނީ ސީޕީ ހަމީދު ވިދާޅުވި ފަދައިން އަމުރަށް ނުކިޔަމަންތެރިކަން ދައްކާ ހާލަތުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *