ކޮވިޑް19: ފިލައިގެން އުޅުނު ދެ މީހުންގެ ތެރެއިން އެކަކު ހޯދައިފި

ކޮވިޑް19 މާލޭގައި ފެތުރެން ފެށުމުން، ބައެއް މީހުން ރައްކާތެރިކަމުގެ ގޮތުން މާކްސް އަޅައިގެން-- ފޮޓޯ/ ސަން

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ފިލައިގެން އުޅުނު އެކަކު ހޯދައިފިއެވެ. މި މައްސަލާގައި ޖުމްލަ ހަތް މީހަކު ފިލިއެވެ. ނަމަވެސް ފުލުހުން ވަނީ މީގެކުރިން ފަސް މީހުން ހޯދައިފައެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ ތެރެއިން ފިލި ހަތް މީހުންގެ ތެރެއިން ނުހޯދި ހުރި ވަނީ ދެ މީހުން ކަމަށާއި އޭގެތެރެއިން އެކަކު ހޯދިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އެކަކު ނުހޯދޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެމީހާ ފެނުނީ ކޮންތަނަކުން ކަމެއް މަބްރޫކް ވިދާޅެއް ނުވެއެވެ. ވިދާޅުވީ އެމީހާއަކީ ކޭސް ނަންބަރު 594 ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވް ވެފައިވަނިކޮށް ފިލައިގެން އުޅުނު ހަތް މީހުންގެ ތެރެއިން ހަ މީހަކު މިހާރު ހޯދާފައިވާއިރު، އެތަނުން އެކަކު ފެނުނުއިރު އޮތީ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލްގައި ވެންޓިލޭޓަރުގައެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1143 އަށް އަރާފައިވާއިރު އެންމެ ގިނައިން ޕޮޒިޓިވްވެފައިވާ ބިދޭސީންނެވެ. މީގެތެރެއިންވެސް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނި ބަންގްލަދޭޝް މީހުންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު އުޅެނީ 577 ގައެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. ދިވެހިންގެ ތެރެއިން 410 މީހަކަށް ކޮވިޑް19 ވަނީ ޖެހިފައެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގައި ދެ މީހަކަށް ފަރުވާ ދެމުން އަންނައިރު އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންވެސް ވަނީ ވެންޓިލޭޓަރުގައެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ފަރުވާ ދެމުން ދެ މީހަކަށް ވެސް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 49 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *