ކޮވިޑަށް ޕޮޒިޓިވްވި ތުއްތު ކުއްޖާގެ ދެވަނަ ޓެސްޓުގެ ނަތީޖާ ނެގެޓިވް

ރައްކާތެރިކަމުގެ ގޮތުން މާކް އަޅައިގެން ކުޑަކުއްޖަކު ގޮވައިގެން އަންހެނަކު ހިނގާފައި ދަނީ-- ފޮޓޯ/ ސަން

ކޮވިޑް19 އަށް ޕޮޒިޓިވްވި އެއްމަސް ނުވާ ތުއްތު ކުއްޖަކު ދެވަނަ ޓެސްޓު ކޮވިޑް19 އަށް ނެގެޓިވްވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ އެކުއްޖާގެ ތިން ސާމްޕަލެއް ނެގި ކަމަށެވެ. އަދި ފަހުން ނެގި ދެ ސާމްޕަލް ވެސް ނެގެޓިވްވި ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެކުއްޖާ އަކީ އޭޑީކޭ ހޮސްޕިޓަލުގައި ވިހި ކުއްޖެކެވެ. އެކުއްޖާ ޕޮޒިޓިވްވީ މީގެކުރިން ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓު ކޮންޓެކްޓެއް ވެގެންނެވެ. ތުއްތު ކުއްޖާ ކޮވިޑަށް ޕޮޒިޓިވްވުމުން އެކުއްޖާގެ މަންމައާ ބައްޕަ އަދި އާއިލާ މެންބަރުންގެ ސާމްޕަލް ވަނީ ނަގާފައެވެ. އެނގިފައިވާ ގޮތުގައި އެ ހުރިހާ އެންމެންގެ ސާމްޕަލް ވެސް ވަނީ ނެގެޓިވްވެފައެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1143 އަށް އަރާފައިވާއިރު އެންމެ ގިނައިން ޕޮޒިޓިވްވެފައިވާ ބިދޭސީންނެވެ. މީގެތެރެއިންވެސް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނި ބަންގްލަދޭޝް މީހުންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު އުޅެނީ 577 ގައެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. ދިވެހިންގެ ތެރެއިން 410 މީހަކަށް ކޮވިޑް19 ވަނީ ޖެހިފައެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 86 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.