އޮންލައިންްކޮށް ޝަަރީއަތް ބޭއްވުމުން އިންސާފު ހޯދަން ހިނގަން ޖެހޭ މަގު ކުރުވާނެ: އޭޖީ

ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭޖީ ރިފްއަތު ވާހަކަދައްކަވަނީ: ފޮޓޯ / އަވަސް

ސުޕްރީމް ކޯޓުން އޮންލައިންކޮށް ޝަރީއަތްތައް ބޭއްވުމަށް ނިންމުމުން ދައުލަތުގެ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ތައުރީފު ކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށާއި އަދި ޝަރީއަތްތައް ޔޫޓިއުބާއި ޓުވިޓާ މެދުވެރިކޮށް ލައިވްކުރަން ނިންމާ އެކަމުގެ ގަވާއިދެއް މިއަދު ވަނީ އެކުލަވާލައިފައެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުމަށް މަރުހަބާ ދަންނަވާ އޭޖީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ ތާރީހީ ބޮޑު ބަދަލެއް ކަމަށެވެ. އަދި ޓެކްނޮލޮޖީ ބޭނުންކުރުމުން ހަރަދާއި ވަގުތު ސަލާމަތްވާނެ ކަމަށާއި އެކަމުގެ ސަބަބުން ޝަރީއަތްތައް އަވަސްވާނެ ކަމަށެވެ. މީގެއިތުރުން އިންސާފު ހޯދަން ހިނގަން ޖެހޭ މަގު ކުރުވެގެންދާނެ ކަމަށް ވެސް އޭޖީ ވިދާޅުވިއެވެ.

“ކޯޓުތަކުގެ އަބުއިކަން މާޒީވެ ޝަރީއަތުގެ އަޑާއި މަންޒަރު ދުރާއި ގާތުން ފެނިދެނިވުމުން އިންސާފް ލިބޭކަން އިހުސާސް ކުރެވޭނެ،” އޭޖީ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ އެ ގަވާއިދުގައި ވަނީ ކޯޓުން ފޯރުކޮށްދޭ ހިދުމަތަކީ، ކޯޓަށް މީހާ ކޮންމެހެން ހާޒިރުކޮށްގެން ފޯރުކޮށްދޭންޖެހޭ ހިދުމަތެއް ކަމުގައި ނުވާނަމަ، އެފަދަ ކޮންމެ ހިދުމަތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މުއާމަލާތްތައް ކުރާނީ އީމެއިލް، ޖެމްސް، ޓެކްސްޓް މެސެޖު، ފޯނު ނުވަތަ އެނޫންވެސް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ކަމަށެވެ.

ކޯޓުން ބާއްވާ ޝަރީއަތުގެ މަޖިލީސްތަކާއި ބައްދަލުވުންތައް އާންމު ގޮތެއްގައި ކުރިއަށް ގެންދާނީ މައިކްރޯސޮފްޓް ޓީމްސް ނުވަތަ ޓެލެފޯނު ނުވަތަ އެނޫންވެސް ޓެލެކޮންފަރެންސިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

ގާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބުނެފައިވާ ޝަރީއަތެއް އެކުގައި، ނުވަތަ ޝަރީއަތަކުން ބައެއް، އާންމުކޮށް ހުޅުވައިނުލައި ކުރިއަށް ގެންދިއުމުގެ އިހްތިޔާރު އެ ޝަރީއަތެއް ކުރާ ފަނޑިޔާރަކަށް ލިބިގެންވާ ކަމަށެވެ. އެ ހާލަތްތައް ފިޔަވައި، ސުޕްރީމް ކޯޓުގައި ހިނގަމުންދާ ޝަރީއަތުގެ އަޑުއެހުންތައް ޓުވިޓާ ނުވަތަ ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން އެކުލަވާލައިފައިވާ ގަވާއިދުގައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.