ސަރުކާރުން ކުރާ ހަރަދުތަކަކީ ރައްޔިތުންނަށް ގުޅުންހުރި ހަރަދުތަކަކަށް ވާންޖެހޭ: ޝިޔާމް

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް: ފޮޓޯ މަޖިލިސް

ސަރުކާރުން ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި ބޭނުން ވަރަކަށް ހަރަދު ކުރިއަސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް ކުރެވޭ ހަރަދަކީ ރަނގަޅު ގޮތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ ހަރަދަކަށް ވާންޖެހޭ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ކޮވިޑް19 އާއި ގުޅިގެން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވާ ވިދާޅުވީ ހަރަދު ކުރާއިރު ކޮރަޕްޝަނަށް މަގުފަހި ވެގެން ނުވާނެ ކަމަށެވެ. މަޖިލީހުގެ ކޮންމެ ރިޕޯޓަކުން ފެންނަނީ ދައުލަތުގެ މާލިއްޔާއިން އެތައް މިލިއަން ރުފިޔާ އަކުން ވައްކަން ކުރަމުންދާތަން ކަމަށާއި ނަމަވެސް އެ މައްސަލަތައް މަޖިލީހުގެ ތެރެއިން ބަލަންޖެހޭ މާލިއްޔަތު ކޮމެޓީ އޮތީ ނިދާފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިއީ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫން. ނަމަވެސް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުންގެ އަސާސީ ހައްގުތަކެއް ނިގުޅައިގަނެފައިވާ މަންޒަރު. މަޖިލީހުގެ ޓޫފޯވަން ކޮމެޓީގައިވެސް މިހުރީ ހަމަ ދާދި އެއް ވާހަކަތަކެއް، އެހެން ކޮމެޓީތަކުގައިވެސް ދެކެވޭ ވާހަކަތައް، އެއްވެސް ކަހަލަ ޕްލޭނެއް އެއްވެސް ތަސަވަރެއް ނެތް،" ޝިޔާމް ވިދާޅުވިއެވެ.

ގައުމު މިފަދަ ހާލަތަކަށް ވެއްޓިގެން ދިޔައިރު ކަމާބެހޭ ވުޒާރާތަކުން ކަމާ ގުޅިގެން އެކުލަވާލަންޖެހޭ އެއްވެސް ތަސައްވަރެއް އެއްވެސް ފޯކާސްޓެއް އެކުލަވާނުލެވި އޮތް ވާހަކަ ޓޫފޯވަން ކޮމެޓީގެ ރިޕޯޓުގައި އޮތަތީ ޝިޔާމް ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.

"މިއީ އަޅުގަނޑުމެން ކިޔާ ނާގާބިލް ސަރުކާރެއްގެ ސިފަތަކުގެ ތެރެއިން އެތައް ސިފަތަކެއް މިހަލަ އެތައް ރިޕޯޓަކުން އެބަފެނޭ. އިއްޒަތްތެރި ރައީސް ވަޒީފާ ގެއްލުނު ފަރާތްތަކުގެ ތެރެއިން އަދިވެސް 80 ޕަސެންޓު ފަރާތްތަކަށް ރީޗެއް ނުވެވޭ. އަދި ވަޒީފާތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން 50 ޕަސެންޓު 70 ޕަސެންޓު އަދި ނޯޕޭ ލީވް މަޖުބޫރުވެފައި ތިބި ފަރާތްތަކަށް ރީޗެއް ނުވެވޭ، އެފަރާތްތައް ރަޖިސްޓްރީ ކޮށްގެން އެތިބީ،" ކަންބޮޑުވުމާއި އެކުގައި ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލިސް ތެރެއިން ބައެއް މެންބަރުން އެކަންކަން ދިފާއު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެއީ ކަމުގެ ހަގީގަތް ކަމަށް ޝިޔާމް ވިދާޅުވިއެވެ. މާލޭގައި އަދިވެސް އެތައް ރައްޔިތުންތަކެއް ހާލުގައި ޖެހިފައި އެބަތިބިކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މާލޭގައި ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް ކޮންމެވެސް ހައްލުތަކެއް ހޯދައި ދިނުމަށް ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި އެހެން ބައެއް ފަރާތްތަކުން މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި ނަމަވެސް އެކަމަށް އެދެވިގެންވާ ހައްލެއް ނާންނަ ކަމަށް ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *