ޖެޓުތަކުގައި އަންނަ ފަތުރުވެރިންނަށް އަންނަ މަހު ރިސޯޓުތައް ހުޅުވާލަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓުތަކެއް ޕާކުކޮށްފައި ---

ޖެޓުތަކުގައި ރާއްޖެ އަންނަނ ފަތުރުވެރިންނަށް އަންނަ މަހު ރާއްޖޭގެ ރިސޯޓުތައް ހުޅުވާލުމަށް "ސޭފް ޓުއަރިޒަމް ގައިޑް ލައިން"ގެ ޑްރާފްޓުގައި ހިމަނައިފިއެވެ.

"ހަތާވީސް" އަށް ކޮޕީއެއް ލިބިފައިވާ މި ގައިޑްލައިންގައި ބުނެފައިވަނީ ރާއްޖެ އަންނަ ޖެޓުތަކާއި ޗާޓަރު ފްލައިޓުތަކާއި ސުޕާ ޔޮޓުޓަކަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރިސޯޓުތައް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި ޗާޓަރު ފްލައިޓުތަކާއި ކޮމާޝަލް ފްލައިޓުތަކަށް އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރިސޯޓުތައް ހުޅުވާލުމަށް އެ ގައިޑްލައިންގައި ވަނީ ހިމަނާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ތައްޔާރު ކޮށްފައިވާ އެ ގައިޑްލައިންގައި ވަނީ އަންނަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެސްޓު ހައުސްތައް ވެސް ހުޅުވާލުމަށް ހިމަނާފައެވެ.

ޕްރައިވެޓު ޖެޓުތަކުގައި އަންނަ ނަމަ އެ ޖެޓުތަކުން 50،000 ޑޮލަރުގެ ފީއެއް ނަގައެވެ. އަދި ސުޕާ ޔޮޓުތަކުން 10،000 ޑޮލަރުގެ ފީއެއް ނަގައެވެ. ރާއްޖެ އައުމަށް ބުކިން ހަދަން ޖެހޭނީ "ސޭފް ޓޫރިޒަމް"ގެ ލައިސަންސް އޮންނަ ފަރާތްތަކުންނެވެ.

"ސޭފް ޓޫރިޒަމް" ލައިސަންސްގެ ފީ އަކީ 50،000 ޑޮލަރެވެ. މި ފީއަކީ ނިއު ނޯމަލްގައި ރިސޯޓުތައް އޮޕަރޭޓު ކުރަން ބޭނުންވާ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފީއެކެވެ. މިފަދައިން ހުއްދަ އަށް އެދޭ ރިސޯޓުތަކުގައި 10 ޕަސެންޓުގެ ކޮޓަރިތަކަކީ ފަތުރުވެރިން އައިސޮލޭޝަން އަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި ބަހައްޓަންޖެހޭ ކޮޓަރިތަކެކެވެ. އަދި ހަމަ އެފަދައިން މުވައްޒަފުންނަށް ވެސް 10 ޕަސެންޓުގެ ކޮޓަރިތައް ހާއްސަ ކޮށްފައި ބަހައްޓަން ޖެހެއެވެ.

މި ގައިޑްލައިންގައި ބުނީ ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން 100 ޑޮލަރުގެ ފީއެއް ނަގާނެ ކަމަށެވެ. މި ފީ ނެގުމަށް ހަމަޖެހިފައިވަނީ 14 ދުވަހަށްވުރެ ކުރު މުއްދަތަކަށް ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އަތުންނެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.