ރަށްރަށަށް ދާން ބޭނުންވާ 830 މީހަކު ކަރަންޓީނަށް

ރަށްރަށަށް ދިއުމުގެ ކުރިން ކަރަންޓީނަށް ގެންދާ މީހުން: ފޮޓޯ / މިނިސްޓަރު އިމްރާން ޓްވީޓާ

މާލެއިން ރަށްރަށަށް ދާން ބޭނުންވާ މީހުންގެ ތެރެއިން 830 މީހަކު ކަރަންޓީނަށް ފޮނުވައިފިއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައި މިއަދު ބުނީ ލޮކްޑައުންގެ ހާލަތު މެދުވެރިވި ވަގުތު އެކި ބޭނުންތަކުގައި މާލެ އައިސް ތިބި އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ރަށަށް ދާން ބޭނުންވާ 830 މީހުން މިހާރު ވަނީ ކަރަންޓީނަށް ފޮނުވިފައި ކަމަށެވެ. އަދި މި މަހުގެ 24 ގެ ކުރިން މަދުވެގެން 1800 މީހުން ރަށަށް ފޮނުވުމަށްޓަކާ ކަރަންޓީނަށް ފޮނުވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މަހުގެ 12ވަނަ ދުވަހު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)ގެ ޑިރެކްޓަރު އާދަމް ޝަރީފު ވިދާޅުވީ މާލެ ލޮކްޑައުންގެ ހާލަތަކަށް ގޮސްފައި ވަނީ ވަރަށް ގިނަ ފަރާތްތަކުން ބޭސްފަރުވާ އަށާއި އެހެނިހެން ވިޔަފާރި ދަތުރުތަކުގައާ އަދި ރިސޯޓުތައް ކަރަންޓީނުން ދޫކޮށްލުމާއި ގުޅިގެން ރަށަށް ދިއުމަށްޓަކައި މާލެ އެރި ތަނުން ކަމަށެވެ. އެކަމާއި ގުޅިގެން ވަރަށް ގިނަ ފަރާތްތައް މާލެގައި ތާށިވެފައި އެބަތިބި ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެދުވަހުގެ ބައްދަލުވުމުގައި ޝަރީފް ވަނީ ރާއްޖޭގެ އެކި ރަށްރަށުން މާލެ އައިސް ތާށިވެފައި ތިބި 5،000 އަށްވުރެ ގިނަ ރައްޔިތުން އެބަތިބި ކަމަށެވެ. ޝަރީފް ވިދާޅުވީ މެޑިކަލް ބޭނުމަށް 1444 މީހަކު މާލެ އައިސް އެނބުރި ރަށަށް ދިއުމަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި ރިސޯޓު މުވައްޒަފުންގެ ގޮތުގައި މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި 363 ފަރާތެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެއިތުރަށް އެހެނިހެން ބޭނުންތަކަށް މާލެ އައި ތަނުން ފުރަބަންދުވެ ތާށިވެފައިވާ 3258 މީހަކު ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އެ މައުލޫމާތުތައް މިހާރު ވެރިފައި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.