ނިއު ނޯމަލް: ރާއްޖެ އަންނަ ކޮންމެ ޖެޓަކުން 50،000 ޑޮލަރުގެ ޗާޖެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓުތަކެއް ޕާކު ކޮށްފައި --

ކޮވިޑް19 އާއި ގުޅިގެން ރާއްޖެ ނިއު ނޯމަލްގައި ހުޅުވާއިރު ރާއްޖެ އަންނަ ކޮންމެ ޖެޓަކުން 50،000 ޑޮލަރުގެ ޗާޖެއް ކުރުމަށް “ސޭފް ޓޫރިޒަމް” ޑްރާފްޓު ރިޕޯޓުގައި ހިމަނައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ އެ ރިޕޯޓުގައި ބުނެފައިވަނީ ރާއްޖެ އަންނަ ކަނޑު އުޅަނދު ފަހަރުތައް [ޔޮޓު ނުވަތަ ސަފާރީތައް] ރާއްޖޭގައި ބަނދަރު ކޮށްފި ނަމަ 10،000 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ.

ރާއްޖެ އައުމަށް ބުކިން ހަދަން ޖެހޭނީ “ސޭފް ޓޫރިޒަމް”ގެ ލައިސަންސް އޮންނަ ފަރާތްތަކުންނެވެ. “ސޭފް ޓޫރިޒަމް” ލައިސަންސްގެ ފީ އަކީ 50،000 ޑޮލަރެވެ. މި ޑްރާފްޓުގައި ބުނީ ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން 100 ޑޮލަރުގެ ފީއެއް ނަގާނެ ކަމަށެވެ. މި ފީ ނެގުމަށް ހަމަޖެހިފައިވަނީ 14 ދުވަހަށްވުރެ ކުރު މުއްދަތަކަށް ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އަތުންނެވެ.

ޑްރާފްޓުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި އޮޕަރޭޓު ކުރާ ކޮންމެ ރިސޯޓެއްގައި 10 ޕަސެންޓުގެ އެނދަކީ އައިސޮލޭޝަން އަށް ހާއްސަ ކޮށްފައިވާ އެނދަށް ވާންޖެހެއެވެ. މީގެއިތުރުން ކޮންމެ ރަށެއްގައިވެސް އެކަށީގެންވާ ވަރަށް ކޮވިޑަށް ރައްކާތެރިވުމުގެ އާލާތްތައް ނުވަތަ ޕީޕީއީ ހުންނަން ޖެހޭނެ ކަމަށެވެ. އަދި އެކަށީގެންވާ ވަރަށް ރިސޯޓުތަކުގައި މުވައްޒަފުން ތިބެން ޖެހޭއިރު ހުރިހާ މުވައްޒަފުން ޑިސްއިންފެކްޝަން ސޯޝަލް ޑިސްޓޭންސިން އަށް ތަމްރީން ކުރެވެން ޖެހެއެވެ. މީގެއިތުރުން މުވައްޒަފުންގެ ތެރެއިން 10 ޕަސެންޓު މުވައްޒަފުން ކަރަންޓީން ކުރެވޭ ވަރަށް ކަރަންޓީން ފެސިލިޓީތައް ހުންނަން ޖެހޭނީ ތައްޔާރު ކުރެވިފައެވެ.

ކޮވިޑް19 އަށް ޝައްކު ކުރެވޭ މީހުންނާއި މެދު އަމަލު ކުރަންވީ ގޮތުގެ އިމަޖެންސީ އުސޫލުތައް ހެދި ހުރިހާ މުވައްޒަފުން އެކަމަށް ތަމްރީން ކުރެވެން ޖެހޭނެ ކަމަށް އެ ޑްރާފްޓުގައިވެއެވެ. މީގެއިތުރުން ރިސޯޓުގެ ހުރިހާ މުވައްޒަފުން ވެސް ކޮވިޑަށް ޓެސްޓު ކުރެވެން ޖެހެއެވެ. އަދި ސޭފް ޓޫރިޒަމްގައި މުވައްޒަފުންނަށް ރިސޯޓުތަކުން ފޭބޭނީ ކޮވިޑް19 އަށް ސްކްރީނިން ހެދުމަށްފަހުއެވެ.

ރާއްޖެ އަންނަ ފަތުރުވެރިޔާއާ އޭނާ ގެންނަ ލަގެޖާއި އޭނާ ދަތުރު ކުރުމަށް ގެންގުޅުނު ލިޔެކިޔުންތައް ޑިސްއިންފެކްޓު ކުރަންޖެހެއެވެ. އަދި ފަތުރުވެރިން ފުރަތަމަ އެއާޕޯޓަށް ވަންނަ ތަނުން އެމީހާގެ ހަށިގަނޑުގެ ޓެމްޕަރޭޗާ ޗެކުކޮށް ރަނގަޅަށް ބަލަންވާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އަބަދުވެސް އެއް މީޓަރުގެ ދުރު މިނެއް ބަހައްޓަން ޖެހޭނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.