މި ރަށުގައި ރޯދަ ވީއްލުމަށް ފުމެނީ ސަންގު، މިއީ ތ. އޮމަދޫ

އޮމަދޫގައި ރޯދަ ވީއްލުމަށް ސަންގު ފުމެނީ-- ފޮޓޯ/ ހަތާވީސް

ތ. އޮމަދޫގައި މިކަން ނުކުރާ ޒަމާނެއް ނުދެއެވެ. ކޮންމެ ރޯދަ މަހެއްގައި ވެސް ސަންގު ފުމެއެވެ. ރޯދަ ވީއްލާ ގަޑި ޖެހިއްޖެހެން ކައިރިވުމާ އެކު، އެންމެން ވެސް އިންތިޒާރު ކުރަނީ ސަންގު ފުމޭނެ ވަގުތަށެވެ.

އޮމަދޫ ކައުންސިލްގެ ރައީސް ހާރޫން މުހައްމަދު "ހަތާވީސް"އަށް ވިދާޅުވީ އެއީ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ސަގާފަތެއް ކަމަށާއި އެކަން ފެށުނު ތާރީހެއް ނޭނގޭ ކަމަށެވެ.

"އަޅުގަނޑުގެ ބައްޕަ ބުނާ ހަނދާންވޭ، ބައްޕަގެ ކާފަގެ ޒަމާނުގެ ކުރީގައި ވެސް އެކަން ކުރެ އުޅެއޭ،" 700އަށް ވުރެ ގިނަ މީހުންގެ އާބާދީގެ އޮންނަ އޮމަދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"އޭރު އެކަން ކުރަން ފެށި ގޮތް ކަމަށް ބެލެވެނީ އެ ޒަމާނުގައި ގަޑި ނުހުންނާނެތީ، ފަސޭހައިން ވަގުތު އެންގުމަށް،"

އޭނާ ވިދާޅުވީ ކުރިން އެ ރަށުގައި ސަންގު ފުމެނީ ރަށު އޮފީހުގެ ބެލުމުގެ ދަށުން ކަމަށެވެ. އެކި މުނާސަބާތަކާ ގުޅުވައިގެން ރައްޔިތުން އެއްކުރުމަށް ރަށު އޮފީހުން ކުރިން ސަންގު ފުމުނު ނަމަވެސް، މިހާރު ސަންގު ފުމެނީ އެ ރަށުގެ ކުރީގެ ހުކުރު މިސްކިތުންނެވެ. ކޮންމެ ރޯދަ މަހެއްގައި އެކަން ކުރަނީ މިސްކިތު މަސައްކަތު މީހާ އަބްދުލް މަޖީދެވެ.

އޮމަދޫގައި ސަންގު ފުމޭ، ވީޑީއޯއެއް ސޯޝަލް މީޑީއާގައި ވަނީ އާންމުވެފައެވެ. އެ ވީޑީއޯއިން ފެންނަ ގޮތުން، މަގު މެދަށް ނުކުމެ، އެކި ދިމަދިމާލަށް އެނބުރި ސަންގު ފުމެއެވެ.

ތ. އޮމަދޫގައި ކޮންމެ ރޯދަ މަހެއްގައި ސަންގުފުމޭ މީހާ-- ފޮޓޯ/ ހަތާވީސް އޮންލައިން

އޮމަދޫއިން ފެނިގެން ދަނީ ދިވެހިންގެ މުސްކުޅި ސަގާފަތެކެވެ. އުންމީދަކީ ޖީލުތަކަށް ދެމިގެންދާނެ ގޮތަށް އެކަން އެ ރަށުގައި ދެމިއޮތުމެވެ.

Leave a Reply

Your email address will not be published. Required fields are marked *