އިންފޮމޭޝަން ކޮމިޝަނަރު ސްޓެލްކޯ އެމްޑީއަށް: މުސާރަ ސިއްރުކުރާކަށް ނުޖެހޭ

އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ (ކ) އަދި ސްޓެލްކޯގެ އެމްޑީ ހަސަން މުޣުނީ

ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރާ އެއްވެސް އިދާރާއެއްގެ މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތަކީ ރައްޔިތުންނަށް ސިއްރުވާންޖެހޭނެ މައުލޫމާތެއް ނޫން ކަމަށް ވިދާޅުވެ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މުސާރަ އާންމުވި މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދިފާއު ކުރައްވައިފިއެވެ.

މުސާރަ އާއި އިނާޔަތުގެ ގޮތުގައި 98،000 ރުފިޔާ ލިބިވަޑައިގަންނަވާ ސްޓެލްކޯ އެމްޑީ ހަސަން މުޣުނީގެ މުސާރަ ބަޔާންކޮށް މަޖިލީހަށް ފޮނުވި ސިޓީއެއް އާންމު މައްސަލައަކާ ގުޅިގެން ސްޓެލްކޯއިން ވަނީ މަޖިލީހަށް ކަންބޮޑުވުން ހިއްސާކޮށްފައެވެ. އަދި އެ ސިޓީ އާންމުވި ގޮތް ބަލައި ދިނުމަށް ސްޓެލްކޯއިން ވަނީ މަޖިލީހުގައި ވަނީ އެދިފައެވެ.

އެ މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދައުލަތުގެ މުސާރަތަކަކީ މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގުގެ ޤާނޫނުގެ ދަށުން މުއައްސަސާގެ އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މައުލޫމާތެއް ކަމަށެވެ. ނަމަވެސް ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މުސާރަ ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވާން ޖެހުނު ސަބަބު ހޯއްދެވުމަށް އެ ކުންފުނިން މަސައްކަތް ކުރުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އެކަން ތަހުގީގު ކުރެއްވުމުގެ ބަދަލުގައި ހާމަކަން ބޮޑުކޮށް ހިންގުމުގެ ސަގާފަތެއް ގާއިމު ކުރުމަށް މަސައްކަތް ކުރެއްވުމަށް އިންފޮމޭޝަން ކޮމިޝަނަރު ވަނީ ގޮވާލައްވާފައެވެ.

"ހާމަކަން ބޮޑު ހިންގުމުގެ ނިޒާމެއް ގާއިމުކޮށް، އެ ސަގާފަތަށް އަހުލުވެރިވުމަކީ ފަސާދަ މަދުވެ، ދައުލަތާމެދު ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެކެވެ. އަދި އިދާރާތަކުގެ ތަސައްވުރު ރަނގަޅުވެގެންދާނެ ކަމެކެވެ. މި މަގަށް ކުންފުނިތަކާއި ދައުލަތުގެ އެންމެހާ އިދާރާތަކުން މަސައްކަތް ކުރުމަށް މި ފުރުސަތުގައި ވެސް ހަނދުމަކޮށްދެމެވެ،" އިންފޮމޭޝަން ކޮމިޝަނަރުގެ ބަޔާނުގައިވެއެވެ.

 

 

ހިޔާލު ދެއްވާ!

Your email address will not be published.