ގާޒީންގެ މުސާރަތައް ކުޑަ ކުރުމަށް ކޮމެޓީން ފާސްކޮށްފި

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެއް ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

ޝަރުއީ ކޯޓުތަކުގެ ގާޒީންގެ މުސާރައިން ބަޔެއް އުނުކޮށް އެ ފަރާތްތަކުގެ މުސާރަ ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމެޓީން ވަނީ މަޖިލީހުން މުސާރަ ކަނޑައަޅާ ހުރިހާ ފަރާތްތަކުގެ ތެރެއިން 20،000 ރުފިޔާ އަށްވުރެ މަތިން މުސާރަ ލިބޭ ހުރިހާ އެންމެންގެ މުސާރަތައް ކުޑަ ކުރުމަށް ނިންމާފައެވެ.

އެގޮތުން 60،000 ރުފިޔާ އަށްވުރެ މަތީގެ މުސާރަތަކުން 35 ޕަސެންޓު އުނިކުރަން ނިންމާފައިވެއެވެ. މުސާރައިގެ ގޮތުގައި 30،000 ރުފިޔާއާ 60،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މުސާރަތަކުން 30 ޕަސެންޓު އުނިކުރަން ނިންމާފައިވާއިރު 20،000 ރުފިޔާއާ 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 20 ޕަސެންޓު އުނިކުރުމަށް ވަނީ ނިންމާފައެވެ.

ޕަސެންޓޭޖެއް ކަނޑައެޅުމުން މަތީ ރޭންކް ތަކުގެ ގާޒީންނަށް ވުރެން ބޮޑު މުސާރައެއް ދަށް ރޭންކް ތަކުގެ ގާޒީންނަށް ލިބޭތީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ އިތުރުން ޑްރަގް ކޯޓާއި ޖުވެނައިލް ކޯޓު ފެމެލީ ކޯޓު އަދި މެޖިސްޓްރޭޓް ކޯޓު ތަކުގެ ގާޒީންގެ މުސާރަ އުނިކުރުމަށް ފާސްކޮށްފައިވަނީ އަދަދުތަކެއް ކަނޑައެޅުމަށްފަހު އެވެ.

ދާންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔައުގޫބްގެ އެ ހުށަހެޅުމަށް ތާއިދުކޮށްފައި ވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއެވެ. ހުށަހެޅުން ފާސްކޮށްފައިވަނީ ކޮމެޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

މިގޮތަށް ފާސްވުމުން ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މުސާރައިން 7100 ރުފިޔާ، އެކޯޓުގެ އެހެން ގާޒީންގެ މުސާރައިން 6300 ރުފިޔާ އުނިކުރަން ވަނީ ނިންމާފައެވެ. ޑްރަގް ކޯޓުގެ އިސްގާޒީގެ މުސާރައިން 8600 ރުފިޔާ އުނި ކުރުމަށް ފާސްކޮށްފައިވާއިރު އެ ކޯޓުގެ އެހެން ގާޒީންގެ މުސާރައިން 7800 ރުފިޔާ އުނިކުރުމަށް ވަނީ ފާސްކޮށްފައެވެ.

ސިވިލް ކޯޓާއި ޖުވެނައިލް ކޯޓުގެ އިސްގާޒީގެ މުސާރައިން 6950 ރުފިޔާ އުނި ކުރުމަށް ފާސްކުރިއެވެ. އެ ދެ ކޯޓުގެ އެހެން ގާޒީންގެ މުސާރައިން 6150 ރުފިޔާ އުނިކުރުމަށް ނިންމިއިރު ފެމެލީ ކޯޓުގެ އިސްގާޒީގެ މުސާރައިން ވެސް ވަނީ 6950 ރުފިޔާ އުނިކުރުމަށް ވަނީ ފާސްކޮށްފައެވެ. އަދި އެ ކޯޓުގެ އެހެނިހެން ގާޒީންގެ މުސާރަ 6650 ރުފިޔާ އުނި ކުރުމަށް ފާސްކުރިއެވެ.

މެޖިސްޓްރޭޓުންގެ ތެރެއިން ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މުސާރައިން 4500 ރުފިޔާ އުނިކުރަން ފާސްކުރިއިރު ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މުސާރައިން 2150 ރުފިޔާ އުނިކުރުމަށް ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް މެޖިސްޓްރޭޓުންގެ މުސާރައިން އެއްވެސް އަދަދެއް އުނިއެއް ނުކުރެ އެވެ.

ގާޒީންގެ މުސާރަތައް ކުޑަ ކުރަން މާލިއްޔަތު ކޮމެޓީން ފާސްކުރިއިރު ފިނޭންސް މިނިސްޓްރީން ވަނީ ކޮވިޑް19 ގެ ސަބަބުން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރުމަށް ނިންމާފައިވާ މައްސަލަ މަޖިލީހަށް ހުށަހަޅާފައެވެ. އެ މައްސަލާގައި މާލިއްޔަތު ކޮމެޓީން ވަނީ ފިނޭންސުން މައްސަލަ ހުށަހެޅި ގޮތަށް ފާސްކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.