ކޮވިޑަށް ޕޮޒިޓިވްވި ތުއްތު ކުއްޖާގެ ދެވަނަ ޓެސްޓު ހެދިތާ ތިން ދުވަސް، އަދިވެސް ނަތީޖާ ނުލިބޭ!

ސިއްހީ ހިދުމަތްތެރިން ރައްކާތެރިކަމުގެ އާލާތްތަކާ އެކު، މާލެ މަގުމަތީގައި

އެއްމަސް ނުވާ ކުޑަ ކުއްޖަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ، އެކުއްޖާގެ ދެވަނަ ޓެސްޓުގެ ނަތީޖާ ނުލިބޭތީ އާއިލާއަށް ކަންބޮޑުވުންފާޅުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އެކުއްޖާ އަކީ އޭޑީކޭ ހޮސްޕިޓަލުގައި ވިހި ކުއްޖެކެވެ. އެކުއްޖާ ޕޮޒިޓިވްވީ މީގެކުރިން ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓު ކޮންޓެކްޓެއް ވެގެންނެވެ. އެކުއްޖާ ޕޮޒިޓިވްވި ކަމަށް އާއިލާ އަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފަރާތުން އެންގީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 17:00ގައެވެ. އެ ކުއްޖާ ޕޮޒިޓިވްވުމުން ކުއްޖާގެ މަންމައާ ބައްޕަ އަދި އާއިލާ އެންމެންގެވެސް ވަނީ ސާމްޕަލް ނަގާފައެވެ. އަދި ކުއްޖާގެ ދެވަނަ ޓެސްޓެއް ހެދިއެވެ.

“ހަތާވީސް” އާއި ވާހަކަދައްކަމުން ކުއްޖާގެ ބައްޕަ މިރޭ ބުނީ ކުއްޖާ ޕޮޒިޓިވްވެ ދެވަނަ ޓެސްޓުވެސް ނެގި ފަހުން ކުއްޖާގެ މަންމައާ ބައްޕަ އެރޭ [16 މެއި 2020] ދަންވަރު 1:30ގައި އައިސޮލޭޝަން އަށް ގެންދިޔަ ކަމަށެވެ.

“ބޭބީ އަކީ ހައި ރިސްކު ކުއްޖަކަށް ވާތީވެ އެޗްޕީއޭ އިން ބުނީ ބޭބީ އަށޭ ބޮޑަށް ޕްރިއޯރިޓީ [އިސްކަން] ދޭނީ. ގާތްގަނޑަކަށް 12 ގަޑިއިރާއި 24 ގަޑިއިރުގެ ތެރޭގައި ނަތީޖާ ލިބޭނެ ވާހަކައާ ނަތީޖާ ލިބުމުން ހިއްސާ ކުރާނެ ވާހަކަ ބުނީ. ޖެހިގެން އައި ދުވަހު އަހަރެމެން އެޗްޕީއޭ އަށް ގުޅިން އަޕްޑޭޓެއް [ކުރިއެރުމެއް] ހޯދަން. އެކަމަކު އެރޭ ދަންވަރާއި ހަމައަށް އައިއިރުވެސް އެއްވެސް އަޕްޑޭޓެއް ނުލިބޭ،” ކުއްޖާގެ ބައްޕަ ކަންބޮޑުވެފައި ހުރެ ކިޔައިދިނެވެ.

ކުއްޖާގެ ބައްޕަ ބުނީ ކުއްޖާގެ ދެވަނަ ޓެސްޓުގެ ނަތީޖާ އެނގެން ބޭނުންވާތީ ތަފާތު އެކި ގޮތް ގޮތަށް މަސައްކަތްކުރި ކަމަށެވެ. އެގޮތުން އިތުބާރު ހުރި ފަރާތަކުން ކުއްޖާގެ ދެވަނަ ޓެސްޓުގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް މިއަދު ބުނި ކަމަށެވެ.

“މިއަދު އަނެއްކާވެސް އެޗްޕީއޭ އިން ގުޅަނީ. އެޗްޕީއޭ ގުޅީވެސް އަޅުގަނޑަކަށް ނޫނީ އަޅުގަނޑު އަންހެނުން އަކަށް ނޫން. އާއިލާގެ މީހަކަށް ގުޅާފައި މިބުނަނީ، ކުއްޖާގެ މަންމައާ ބައްޕަ އަދި އާއިލާ އެންމެންގެ ނަތީޖާވެސް ނެގެޓިވްއޭ. އެކަމަކު އާއިލާއިން ކުއްޖާގެ ނަތީޖާ އެހީމަ ޖަވާބު ދިނުމަށް އިންކާރުކުރި، އަދި އިރުކޮޅެއް ވަންދެން މަޑު ކުރުމަށްފަހު މިބުނަނީ ކުއްޖާގެ ނަތީޖާ ފަހުން ހިއްސާ ކުރެވޭނެ ކަމަށް،” ކުއްޖާގެ ބައްޕަ ބުންޏެވެ.

މިއަދު ހަވީރުވެސް ކުއްޖާގެ ނަތީޖާއާ ގުޅޭ ގޮތުން އެޗްޕީއޭ އަށް ގުޅި ކަމަށާއި ނަމަވެސް އަދި ކުއްޖާގެ ނަތީޖާ ލިބުން ލަސްވަނީ ކީއްވެގެންތޯ ސުވާލުކުރި ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ. އޭނާ ބުނީ ފަހުން ގުޅުން ޖަވާބު ދިނީވެސް ވަރަށް “ރޫޑު” [ރުންކުރު] ގޮތަކަށް ކަމަށެވެ. އަދި ކުއްޖާގެ ނަތީޖާ ލަސްވަނީ ކީއްވެގެން ނޭނގޭ ކަމަށާއި އެ މަސައްކަތް ކުރަނީ އެހެން ޑިޕާޓުމަންޓަކުން ކަމަށް ބުނި ކަމަށްވެސް ކުއްޖާގެ ބައްޕަ ބުންޏެވެ.

“މައްސަލައަކީ ކުއްޖާ އަކީ ޑައިރެކްޓު ކޮންޓެކްޓަކަށްވެ ކުއްޖާއަށް ފުރަތަމަ އިސްކަން ދޭނެ ވާހަކަ ބުނެފައި އަދިވެސް ކުއްޖާގެ ނަތީޖާ ނުލިބޭތީ. އަހަރެމެން މިތިބެނީ އެޗްއައިއެޗްގައި އައިސޮލޭޝަންގައި، އެކަމަކު އެޗްޕީއޭގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބޭ. އަނެއްކާ އަޅުގަނޑާއި އަޅުގަނޑު އަންހެނުންގެ ނަތީޖާވެސް ހިއްސާ ކުރީ އާއިލާ މެންބަރަކަށް، އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑަށް ސީދާ އަޅުގަނޑުގެ އަދި އަންހެނުންގެ ނަތީޖާވެސް އެނގެން ޖެހޭނެ ކަމަށް. އެންމެ ފަހަރަކުވެސް އެޗްޕީއޭ އަކުން މިކަމާއި ގުޅިގެން ނެތް ގުޅާފައެއް،” ކުއްޖާގެ ބައްޕަ ބުންޏެވެ.

މިދިޔަ ހޮނިހިރު ދުވަހު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑޮކްޓަރު، ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވިހޭތާ އެއް މަސް ނުވާ ކުއްޖަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ ކުއްޖާ ޕޮޒިޓިވްވިކަން އެނގުނީ އަލާމާތްތައް ފެނުމާ ގުޅިގެން އެ ކުއްޖާ ޓެސްޓު ކުރުމުން ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.