ކޮވިޑަށް ކުރާ ހަރަދުގެ ހާއްސަ އޮޑިޓެއް 45 ދުވަހުގެ ތެރޭގައި ހަދަން ފާސްކޮށްފި

މާލިއްޔަތު ކޮމެޓީ: ކޮވިޑާ ގުޅޭ އޮޑިޓް ހަދަން ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު-- ފޮޓޯ/ ސަން

ކޮވިޑް19އާ ގުޅިގެން ސަރުކާރުން ކުރާ ހަރަދުތަކުގެ ހާއްސަ އޮޑިޓެއް 45 ދުވަހުގެ ތެރޭގައި ހެދުމަށް އޮޑިޓަރ ޖެނަރަލް ހަސަން ޒިޔަތަށް އަންގަން މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.

ކޮވިޑް19އާ ގުޅިގެން ސަރުކާރުން ކުރާ ހަރަދުތަކުގެ އޮޑިޓެއް ހަދަން މާލިއްޔަތު ކޮމެޓީއަށް ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲއެވެ. އޭނާގެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

އޮންލައިންކޮށް މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި އޮޑިޓް ހެދުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި އަށް މެމްބަރުންގެ ތެރެއިން ހަތް މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ކޮވިޑާ ގުޅޭ ހާއްސަ އޮޑިޓް ހެދުމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެވެ. އެ މެމްބަރުގެ ނަމެއް ކޮމެޓީގެ މުގައްރިރު އިއުލާނެއް ނުކުރައްވައެވެ.

މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި އެންމެ ފުރަތަމަ ބަހުސް ކުރެވުނީ ކޮވީޑާ ގުޅިގެން އެސްޓީއޯ މެދުވެރިކޮށް ސަރުކާރުން ކުރާ ހަރަދުތަކުގެ ހާއްސަ އޮޑިޓެއް ހެދުމަށެވެ. ކޮވިޑާ ގުޅިގެން ސަރުކާރުން ކުރާ ހަރަދުގެ 72 ޕަސެންޓް ހަރަދު ކުރަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް ބުނެފައިވާތީ، މެމްބަރުން ވަނީ އެ ހަރަދު ކުރާ ގޮތް މިހާރު ބަލަންޖެހޭ ކަމަށެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ސަރުކާރުން ހަރަދު ކުރާ ގޮތް މިހާރު ބަލަންޖެހޭ ކަމަށާއި ހަރަދުކޮށް ނިމުމުން، އޮޑިޓް ހަދަައިފިނަމަ، ދައުލަތަށް އޮންނާނީ ގެއްލުންވެ ނިމިފައި ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅު އޮޑިޓް ފަށަންޖެހޭ ކަމަށް އިލްޔާސް ލަބީބު ވިދާޅުވިއެވެ.

ނަމަވެސް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ މި ދަނޑިވަޅު އޮޑިޓް ހެދުން ރަނގަޅު ނޫން ކަމަށާއި ސަބަބަކީ އެފަދަ އޮޑިޓެއް ކުރަން ހަދައިގެން ސަރުކާރަށް ދަތިތަކާ ކުރިމަތިލާންޖެހިދާނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން އެސްޓީއޯއިން ކުރާ ހަރަދުތައް އޮޑިޓް ކުރުމުގެ ބަދަލުގައި ސަރުކާރުން ކުރާ ހުރިހާ ހަރަދެއް ބެލުމުގެ ހާއްސަ އޮޑިޓެއް ހެދުމަށް ތާއިދު ކުރައްވައި ގިނަ މެމްބަރުން ވާހަކަފުޅު ދެއްކެވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.