ގިނަ ވަޒީރުންނަށް އިތުބާރު ނެތް، ފުރަތަމަ އިމްރާން ވަކިކުރަންޖެހޭ: ދޮންބިލެތް

ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ގިނަ ވަޒީރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގަންޖެހޭ ކަމަށާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވީހާވެސް އަވަހަކަށް މަގާމުން ވަކިކުރަންޖެހޭ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

ބިލެތްދޫ ދާއިރާގެ މެމްބަރު ދޮންބިލެތް އެހެން ވިދާޅުވީ ސަރުކާރުން އަމަލު ކުރަމުންދާ ގޮތްތަކާމެދު ކަންބޮޑުންފާޅު ކުރައްވައި، މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ.

ދޮންބިލެތް ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަގާމުން ވަކިކޮށް، ވީހާވެސް އަވަހަކަށް ރަނގަޅު ހޯމް މިނިސްޓަރެއް ހޯދުމަކީ މުހިއްމު ކަމެއް ކަމަށެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރަންޖެހޭ ވަކި ސަބަބެއް ދޮންބިލެތް ވިދާޅެއް ނުވެއެވެ.

"މިދަނޑިވަޅަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ހޯމް މިނިސްޓްރީއަށް ވަރަށް ބޮޑު ބަދަލެއް ގެންނަންޖެހޭ ވަގުތެއް ކަމަށް އަޅުގަނޑު ދެކެން. އެހެންވީމަ ވީހާވެސް އަވަހަކަށް ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އިމްރާން އަބްދުﷲ ބޭރުކޮށް، އަޅުގަނޑުމެންނަށް ވީހާވެސް އަވަހަކަށް ރަނގަޅު ހޯމް މިނިސްޓަރެއް ހޯދުމަކީ ވަރަށް މުހިއްމު ކަމެއް،" ދޮންބިލެއް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޯލިޝަން ސަރުކާރު ނިމުމަކަށް ގެނެސް ސަރުކާރުގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. ރާއްޖޭގައި ވަޒީރުކަން ކުރެއްވޭނެ ގާބިލް ބޭފުޅުން ތިއްބެވި ކަމަށާއި އެބޭފުޅުން ވަޒީރު ކަމަށް ގެންނަންޖެހޭ ކަމަށް ދޮންބިލެތް ވިދާޅުވިއެވެ.

"މި ފުރުސަތުގައި މަޖިލީހަށް ގޮވާލަން ވީހާވެސް އަވަހަކަށް ވަޒީރުންނަށް ބަދަލު ގެންނަން އެބަޖެހޭ. ވަރަށް ގިނަ ވަޒީރުންގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށް، އާ ވަޒީރުން ހިމަނަންޖެހޭ. މި ރާއްޖެގައި ވަރަށް ގާބިލް، ވަރަށް ތަންދޮރު ދަންނަ، މޮޅެތި ބޭފުޅުން އެބަ ތިއްބެވި. ކިޔަވާ ވިދާޅުވެގެން، މިކަމުގެ ހުނަރު ހުރި ތަޖުރިބާ ހުރި ބޭފުޅުން. އެހެންވީމަ އަޅުގަނޑުމެންގެ ކޯލިޝަން ސަރުކާރު ނިމުމަކަށް ގެނެސް، އަޅުގަނޑުމެން އެބަޖެހޭ ކޮންމެހެން ވެސް މި ރަނގަޅު ވަޒީރުންލައިގެން ކުރިއަށް އޮތްތަނުގައި ކުރަން ފަށަން،" ދޮންބިލެތް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *