މަޖިލީހުން އަންގާ ގޮތަށް އަމަލު ނުކުރާތީ، ނަޝީދުގެ ކަންބޮޑުވުން ސަރުކާރަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުން އަންގާ ގޮތަށް ސަރުކާރުން އަމަލު ނުކުރާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުންފާޅު ކުރައްވައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވައިފިއެވެ.

ކެތްތެރިކަން ކޮޅުންލާފައިވާ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު މަޖިލީހުގައި މިއަދު ކަންބޮޑުވުންފާޅު ކުރީ މެމްބަރުން އަންގާ ގޮތްތަކަށް ސަރުކާރުގެ އިދާރާތަކުން އަމަލު ނުކުރާތީއެވެ. އެގޮތުން މާލޭގައި ތާށިވެފައި ތިބި އަތޮޅު ތެރޭގެ ރައްޔިތުން އެނބުރި ރަށަށް ދެވޭނެ ގޮތްތަކެއް ހަދަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ މެމްބަރުންނަކީ ބާރުގަދަ ބައެއް ކަމަށާއި ބޭނުންފުޅުވީމަ، އިތުބާރު ނެތްކަމުގެ ވޯޓު ވެސް ނެގިދާނެ ކަމަށާއި ނަމަވެސް އެއީ އެބޭފުޅުން ބޭނުންވާ އަމާޒު ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

“މި މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން، ވަކި ކަމެއް ފާހަގަ ކުރާންފެށީމަ ސަރުކާރުގެ ކަންކަމާ ގުޅޭ ގޮތުން ހަވާލުވެ ތިއްބަވާ ބޭފުޅުން އެ މައްޗަށް އަމަލު ނުކޮށް ތިއްބަވާން ޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. ހުރިހާ ބޭފުޅުން ވެސް ކަންބޮޑުވާ ކަމެއް، ރައީސުލްޖުމްހޫރިއްޔާއަށް ވެސް އެނގިވަޑައިގަންނަވަންޖެހޭނެ އަތޮޅު ތެރޭ އެތައް ބަޔަކު މާލޭގައި ތާށިވެފައި ތިބުމުން، އެއީ އެތައް ބަޔަކަށް ބޮޑު ގެއްލުމެއް،” ރައީސް ނަޝީދު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.