ޓީވީތަކުން ކޮވިޑް19ގެ ވާހަކަ ގެންނަނީ ބިރުވެރި ފިލްމެއްގޮތަށް، މިއީ މަރުބައްޔެއް ނޫން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި ރައީސް މުހައްމަދު ނަޝީދު

ކޮވިޑް19ގެ ވާހަކަ ޓީވީ ޗެނަލްތަކުން ދެއްކަނީ ބިލުވެރި ފިލްމެއްގެ ގޮތުގައި ކަމަށާއި އެ ބައްޔަކީ ފާހަގަ ކުރެވުނު ބާވަތުގެ މަރުބައްޔެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ ށ. ނަރުދޫއިން ކޮވިޑް19 ޖެހުނު 11 މީހުންގެ ފަރާތުން ބަލީގެ އަލާމާތް ނުފެންނަ ކަމަށާއި އެ މީހުން ހިނގާބިނގާވެ، ހެޔޮ ހާލުގައި ތިބި ކަމަށް މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ މަޖިލީހުގެ ޖަލްސާގައި މިއަދު ވިދާޅުވުމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ނަރުދޫއިން ބަލި ޖެހުނު 11 މީހުންނަށް ކަމެއް ވެފައި ތިބި ކަމަކަށް އެ މީހުންނަށް ވެސް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް މި ބައްޔަކީ ނުރައްކާތެރިކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"ފުރަތަމަ ބަލީގެ ވާހަކަ އަޅުގަނޑުމެން ފަށައިގެން އިރުގައި، ގާތްގަނޑަކަށް އެއް މަސް ދުވަސް ވެއްޖެ، ޓީވީ ޗެނަލްތަކުން ބިރުވެރި ފިލްމެއްގެ ގޮތުގައި މި ވައިރަސް ދައްކަމުން އަންނަތާ. ދެން މީހުންނަށް ޖެހެން ފަށައި، މިސާލަކަށް ނަރުދޫ 11 މީހުންނަށް، ހަގީގަތުގައި އެ މީހުން ގަބޫލެއް ނުކުރި އެ މީހުންނަށް ކަމެއް ވެފައި ތިބި ކަމަކަށް. މި ބަލީގެ ނުރައްކާތެރިކަމެއް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވުނު. އަޅުގަނޑު މި ދަންނަވަނީ ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންނަށް އެކަމެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކޮވިޑް19އަކީ މަރުބަލީގެ ގޮތުގައި ފާހަގަ ކުރެވޭ ބާވަތުގެ ބައްޔެއް ނޫން ކަމަށާއި އެ ބަލި ނުރައްކާތެރި ވަނީ ހާލު ދެރަ، ހާލު ބޮޑު މީހުންނަށް ޖެހުމުން ކަމަށެވެ. އަދި ވިދާޅުވީ ކޮވިޑް19 ޖެހިގެން ރާއްޖެއިން ހާލު ބޮޑުވަނީ ވަރަށް މަދު އަދަދެއްގެ މީހުންނަށް ކަމަށާއި އެއީ ނަސީބެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެއީ މި ބައްޔަކީ އެ ފާހަގަ ކުރެވުނު ބާވަތުގެ މަރުބައްޔެއް ނޫން ކަން. މަރުބަލީގެ ގޮތުގައި ފާހަގަވާ ބަލިތައް އެބަ ހުރޭ. މި ބައްޔަކީ ނުރައްކާތެރި ބައްޔެއް. މި ބަލީގައި ހާލު ދެރަވާ، ހާލު ބޮޑުވާ މީހުންނަށް. އެހެންނަމަވެސް އެއީ ވަރަށް މަދު އަދަދެއްގެ މީހުންކަން އެއީ މާތް ރަސްކަލާންގެ އަމުރާއި އިރާދަފުޅުން އަޅުގަނޑުމެންނަށް ލިބިފައިވާ ނަސީބެއް. ނަރުދޫ 11 ރައްޔިތުން ހެޔޮހާލުގައި ތިބިކަމީ އިންނަމާދޫއިން ނަރުދޫއަށް ނަރެއް ފޮނުވާ ވަރު ކަމެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *