ވިއްސާރާގައި ލިބޭ ގެއްލުމަށް މާލީ އެހީ ދިނުން އަވަސް ކުރަންޖެހޭ: ވިސާމް

ލ. ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް (ކ) އޭނާގެ ދާއިރާގެ ބައެއް ގެތަކަށް ޒިޔާރަތް ކުރަނީ-- ފޮޓޯ/ ފޭސްބުކް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، މުދަލާއި ގެދޮރަށް ގެއްލުން ލިބިފައިވާ ފަރާތްތަކަށް މޯލްޑިވިސް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މާލީ އެހީތެރިކަން ފޯރުކޮށްދިނުން އަވަސް ކުރަންޖެހޭ ކަމަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

މޫސުމީ ބަދަލުތަކާ ގުޅިގެން މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލާގައި ވާހަކަފުޅު ދައްކަވަމުން ވިސާމް ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރާގައި އޭނާ ތަމްސީލު ކުރައްވާ ގަމު ދާއިރާގެ ތިން ގެއެއްގެ ފުރާޅު އެއްލާލައި، ބޮޑެތި ގަސްތަކާއި ރުއްތައް ވެއްޓުމުގެ ސަބަބުން ފަސް ގެއަކަށް ގެއްލުންވެފައިވާ ކަމަށެވެ.

"މިފަދަ ކަންކަމާ ގުޅިގެން، ދަތިހާލު ދިމާވާ ރައްޔިތުންނަށް އަވަސް ފުރުސަތެއްގައި ގެދޮރަށް ވަދެ، ދިރިއުޅެވޭނެ ގޮތްތައް މެދުވެރި ކުރުމުގެ ގޮތުން ޑިޒާސްޓަރ މެނޭޖުމަންޓުން ވެސް މާލީ އެހީތެރިކަމާއި އެ ނޫން ވެސް އެހީތެރިކަން ފޯރުކޮށްދޭނެ މަގު ވީހާ ވެސް އަވަހަކަށް ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް،" ރާއްޖޭގެ އެންމެ ބޮޑު ރަށް، ލ. ގަން ތަމްސީލު ކުރައްވާ މެމްބަރު ވިސާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވިއްސާރަވާ ކޮންމެ ފަހަރަކު، ރަށްތަކުގެ ނަރުދަމާތަކަށް ދިމާވާ މައްސަލަ ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މޫސުމީ ބަދަލުތަކާ ގުޅިގެން، ކުދި ރަށްތަކުގައި ކުއްލިއަކަށް ދިމާވާ ހާދިސާތަކާ ގުޅިގެން، އަމަލު ކުރެވޭނެ އުސޫލެއް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހަމަޖައްސަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލާގައި ބުނެފައި ވަނީ ކްލައިމެޓް އެމެޖެންސީއަކީ ޖޯކެއް ނޫން ކަމަށާއި މޫސުމަން އަންނަ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ ގެދޮރާއި މުދާ ހިމާޔަތް ކުރުމަށް ސަރުކާރުން އިސްކަން ދޭންޖެހޭ ކަމަށެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީ ފޭދޫ ރައްޔިތުންގެ ގެދޮރާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅައި، ގެއްލުން ލިބުނު ފަރާތްތަކަށް މާލީ އެހީ ދިނުން އަވަސް ކުރުމަށް ކުއްލި މައްސަލާގައި ސަރުކާރަށް ގޮވާލާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *