ބިދޭސީންގެ ވިސާ ފީ ދެއްކުމުގައި ކުންފުނިތަކާއި އެޖެންސީތަކަށް ތަކުލީފުތަކެއް

ބިދޭސީން މަސައްކަތް ކުރަނީ: ހަތާވީސް ފޮޓޯ / މުހައްމަދު އަފްރާހު

ރާއްޖޭގައި އުޅޭ ބިދޭސީންގެ ވިސާ ފީ ދެއްކުމުގައި ކުންފުނިތަކާއި އެޖެންސީތަކަށް ތަކުލީފުތަކެއް ކުރިމަތިވެފައިވާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ބިދޭސީންގެ ވާކް ވިސާގެ ހިދުމަތްތައް ދެމުން ގެންދާ ސީވޯލްޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ސަމީރު ވިދާޅުވީ އެ އެޖެންސީއަކީ ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ގިނަ އަދަދެއްގެ އަމިއްލަ ކުންފުނިތަކާއި ވަކިވަކި އަމިއްލަ ފަރުދުންގެ ބިދޭސީންގެ ވާކް ވިސާ ފީ ދެއްކުމުގެ ހިދުމަތް ދެމުން އަންނަ އެޖެންސީއެއް ކަމަށެވެ.

އޭގެތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސް، އެސްޓީއޯ، އެމްޑަބްލިޔުއެސްސީ، ޕީއެސްއެމް، އެމްއާރްޑީސީ އާއި ގިނަ އަދަދެއްގެ ކައުންސިލް އިދާރާތަކުގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީން ގެންގުޅޭ ރާއްޖޭގެ ބޮޑެތި ކުންފުނިތައް ހިމެނެއެވެ.

ކޮވިޑް19 ގެ ސަބަބުން މާޗު މަހުން ފެށިގެން ސަރުކާރު ބަންދުކުރެވި އޭގެ ފަހުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖެ އަށް އިއުލާނު ކުރުމާއި، މާލެ އާއި ރާއްޖޭގެ އެކި ހިސާބުގައި އިއުލާނުކޮށްފައިވާ ލޮކްޑައުންގެ ހާލަތުގެ ސަބަބުން ބިދޭސީންގެ ވިސާ ފީ ދެއްކުމުގައި ކުންފުނިތަކަށާއި، ބިދޭސީން މަސައްކަތް ކުރާ އެޖެންސީތަކަށް ތަކުލީފްތަކާއި ކުރިމަތިވެ ދުވަހުން ދުވަހަށް ފީ ނުދެއްކި ގިނަ ބައެއްގެ ވިސާ ފީ ޖޫރިމަނާވާން ފަށާފައިވާ ކަމަށް ސަމީރު ވަނީ ފާހަގަކުރައްވާފައެވެ.

ވިސާ ފީ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައި ވިޔަސް، ބޮޑެތި ކުންފުނިތަކުން ވިސާފީ ދެއްކުމުގައި އަމަލުކުރަމުން ގެންދާ އުސޫލަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ޗެކު ލިޔެގެން ނުވަތަ ހަވާލުކޮށްފައިވާ އެޖެންސީ އަށް ޗެކްލިޔެ އެޖެންސީގެ ފަރާތުން ވިސާ ދެއްކުމުވެ. ނަމަވެސް ވަކި ވަކި ފަރުދުންގެ އެކައުންޓަށް ލާރި ޖަމާކޮށް ކާޑުން ވިސާ ދެއްކުމަކީ ކުންފުނިތަކުން އަމަލުކުރާ އުސޫލަކަށް ނުވާތީއާއި، ލޮކްޑައުންގެ ހާލަތުގައި އެ އެޖެންސީން ހިދުމަތްދެމުން ގެންދާ ފަރާތްކަމުގެ ވިސާ ފީ ދެއްކުމުގައި ގިނަގުނަ ދަތިކަކެއް ދިމާވަމުން އަންނަ ކަމަށް ސަމީރު ވިދާޅުވިއެވެ.

ގިނަ ކުންފުނިތަކުން އޮންލައިން ޓްރާންސްފާ ބޭންކިންގެ ސެޓަޕް ހަދާފައި ނުވުމާއި، ގިނަ ކުންފުނިތަކުގައި މިހާރު މި ދިމާވެފައިވާ ފަދަ ހާލަތެއްގައި މަސައްކަތްކުރުމުގެ ގާބިލުކަމެއް ނެތް ކަމަށާއި ޗެކް ލިޔެ ނުވަތަ އޮންލައިން ޓްރާންސްފާ ރިކުއެސްޓް ކުރުމުގައި ސައިން ހޯލްޑަރުންގެ ސޮއި ހޯދުމަށް އުނދަގޫވުމާއި އެއް ތަނުން އަނެއް ތަނަށް ޗެކް ފޮނުވުމުގައި ދިމާވާ ދަތިތަކާއި، ކުންފުނިތަކާއި އަދި އެޖެންސީތަކުގެ އޮފީސްތަކަށް ޑިއުޓީއަށް ދިޔުމަށް ހުއްދަ ލިބުމުގައި އުނދަގޫވުމުގެ އިތުރުން ގިނަ ކުންފުނިތަކާއި އެޖެންސީތަކަށް ފައިސާ ލިބޭނޭ ހުރިހާ ދޮރެއް ބަންދުވެފައިވާ ކަމަށް ސަމީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިވަގުތު ރާއްޖޭގައި މަސައްކަތް ކުރަމުން ގެންދާ ބިދޭސީ ގިނަ މުވައްޒަފުންނަކީ ގައުމުތަކުގެ ބޯޑަރު ހުޅުވުނުހާ އަވަހަކަށް އެ މުވައްޒަފެއްގެ ގައުމަށް އަނބުރާ ދިއުމަށް ތައްޔާރަށް ތިބި ނަމަވެސް، ސަރުކާރު ބަންދުވާއި ގުޅިގެން ސަރުކާރުގެ ކުންފުނިތައް ވެސް ހިމެނޭގޮތުން، ޕްރައިވެޓް ސެކްޓާގެ ބޮޑެތި ކުންފުނިތަކާއި، ކުދި އަދި މެދުފަންތީގެ ކުންފުނިތަކުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުންގެ ވިސާ ފީ ހަމަވެ ބޮޑެތި އަދަދުތަކުން ޖޫރިމަނާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ކޮވިޑް19 ގެ ހާލަތުގައި ވިސާ ދެއްކުމުގައި ލަސްވާ ލަސްވުމަށް ޖޫރިމަނާ ނުވާނޭ ގޮތަކަށް ނުވަތަ ޖޫރިމަނާ ކުރާ އުސޫލު ބަދަލު ކޮށްދިނުމަށް ކަމާގުޅުންހުރި އިދާރާތަކަށް ވަނީ ދަންނަވާފައެވެ. އަދި ކޮވިޑް19 އާއި ގުޅިގެން ސަރުކާރު ބަންދުވި ދުވަހުން ފެށިގެން މިހާތަނަށް ވިސާ ފީ ނުދެއްކުގެ ސަބަބުން ވެފައިވާ ޖޫރިމަނާތައް މައާފްކޮށްދެއްވާ ނުވަތަ މި ހާލަތުގައި ވެދެއްވޭނެ އެންމެ ބޮޑު ލުޔެއް ދެއްވުން ވަނީ ދަންނަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *