އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރާ މަސައްކަތް ރާއްޖެއިން ކުށްވެރިކޮށްފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނާމް މެންބަރު ގައުމުތަކުގެ ބައްދަލުވުމުގައި: ފޮޓޯ / ފޮރިން މިނިސްޓްރީ
ކޮވިޑް19ގެ ނުރައްކަލާ ދުނިޔެއިން ކުރިމަތިލާފައިވާ މިދަނޑިވަޅުގައި ވެސް އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، މިނިވަން ދެ ދައުލަތެއްގެ ގޮތުގައި ފަލަސްތީނާ އިސްރާއީލް އޮތުމަށް ކުރެވޭ މަސައްކަތަށް ހުރަސް އެޅޭގޮތަށް އިސްރާއީލުން ހިންގަމުންދާ އަމަލުތައް ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ރާއްޖެއިން މިކަން ކުށްވެރިކޮށްފައި ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަކަށް ވެރިވެގަތުމަށް ކުރަމުންދާ މަސައްކަތާއި ފަލަސްތީނުގެ ރައްޔިތުންނާއި މެދު ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ނަން-އެލައިންޑް މޫވްމަންޓް (ނާމް) އިން ނެރުނު ގަރާރަށް ތާއީދުކުރަމުންނެވެ.
ނާމްގެ ގަރާރުގައި ވަނީ ކޮވިޑް19 އާއި ދެކޮޅަށް ދުނިޔެއިން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ވެސް 1967ގެ ބޯޑަރުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް އިސްރާއީލުން މިހާރު ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް އެތައް އަނިޔާތަކެއް ލިބި، އެމީހުންގެ ހައްގުތައް ގެއްލިގެން ދާނެ ކަމަށެވެ. އަދި އިސްރާއީލުގެ އެ އަމަލުތައް ނުހުއްޓައިފި ނަމަ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް "ޓޫ ސްޓޭޓް ސޮލިއުޝަން" ހޯދުމަށް ކުރާ މަސައްކަތަށް ހުރަސް އެޅިގެންދާނެ ކަމަށެވެ.
ގަދަކަމުން ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގެން އުޅޭ އުޅުން ކުށްވެރިކޮށް، ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފް އެންމެހާ އަމަލުތައް ވަގުތުން ހުއްޓާލުމަށްވެސް ރާއްޖެ ހިމެނޭ ގޮތަށް ނާމްގެ ގައުމުތަކުން ވަނީ އިސްރާއީލަށް ގޮވާލާފައެވެ.
ހަމައެއާއެކު އދގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް އިސްރާއީލުން ބޯނުލަނބާ މައްސަލައިގައި އެގައުމު ޖަވާބުދާރީ ކުރުވަން ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލާ، 1967 ވަނަ އަހަރުގެ ބޯޑަރާ ހިސާބަށް އިސްރާއީލުން ފަހަތަށް ޖެހުމަށް ބާރު އެޅުމަށްވެސް ނާމް އިން ގޮވާލިއެވެ. މިކަންތަކަށް ބާރުއެޅުމުގެ ގޮތުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހިންގާ އިސްރާއީލުގެ ވިޔަފާރިތަކާ މުއާމަލާތު ނުކުރުމާއި، ހިފާފައިވާ ބިންތަކުގައި އިސްރާއީލުން އުފައްދާ މުދާ ބައިނަލްއަގްވާމީ ބާޒާރަށް ނެރުނަ ނުދިނުމަށް ނާމް އިން ވަނީ ބާރު އަޅާފައެވެ.
ނާމް އިން ވަނީ އދގެ ސަލާމަތީ މަޖިލީހުން، އެމަޖިލީހުގެ ޒިންމާ އަދާކޮށް، ފަލަސްތީނުގެ މައްސަލައިގައި އެމަޖިލީހުން ފާސްކޮށްފައިވާ ގަރާރުތައް ތަންފީޒުކޮށް، ފަލަސްތީނުގެ އިތުރު ބިންތަކަށް ވެރިވެގަތުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ސަލާމަތީ މަޖިލީހަށް ގޮވާލާފައެވެ.
އަދި އިތުރު ބިންތަކަށް އިސްރާއީލުން ވެރިވެގަތުމަކީ މެދުއިރުމަތީގެ ސުލްހައިގެ އިތުރުން ބައިނަލްއަގްވާމީ ސުލްހައަށް އެޅިގެންދާ ހުރަހެއްކަމަށްވެސް ނާމްގެ ގައުމުތަކުން ގަބޫލުކުރެއެވެ. ދިވެހިރާއްޖެއާ ނާމްގެ އެހެން ގައުމުތަކުން ވަނީ ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގެންފައިވާ ވެރިވެގަތުމަށް ނިމުމެއް ގެނެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، އެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ގުދުސް އޮންނަން ޖެހޭ ކަމަށް ގަބޫލުކުރާ ސިޔާސަތު އަނެއްކާވެސް ތަކުރާރުކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.