އުފަންދުވަހު ނަޝީދު ދެއްވި މެސެޖު: މިއީ ގޮންޖެހުން ބޮޑު ދުވަސްވަރެއް، ހިތްވަރު ދޫކޮށް ނުލާތި!

ހަފްލާއެއްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ / ރައީސް އޮފީސް

މިއަދަކީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އުފަން ދުވަހެވެ. އުފަންދުގެ މެސެޖެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންނަށް ހާއްސަ މެސެޖެއް ދެއްވާފައެވެ.

ދެހާސް އަށްވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ރާއްޖޭގެ ތިންވަނަ ރައީސުލްޖުމްހޫރިއްޔާ އަށް ވެވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދަށް މިއަދަކީ އެމަނިކުފާނުގެ 53ވަނަ އުފަންދުވަހެވެ.

މިއަދު ރާއްޖޭގެ އެންމެ ބޮޑު ތިންބާރުގެ ތެރެއިން ދެވަނަ ބާރު ނުވަތަ ގާނޫނު ހެދުމުގެ ބާރުގެ ރައީސްގެ ގޮތުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދަށް ގިނަ ބަޔަކު އަންނަނީ އެމަނިކުފާނުގެ އުފަން ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވަމުންނެވެ. އެމަނިކުފާނަށް ސަޕޯޓު ކުރާ އެތައް ސަތޭކަ ބަޔަކު ރާއްޖޭގައި ތިބިއިރު އެތައް ދުވަސްތަކެއް ކުރިން އެމަނިކުފާނާއި އެކު ނަގާފައިވާ ފޮޓޯތަކުން މުޅި ސޯޝަލް މީޑިއާ މިއަދު ވަނީ ފުރާލައިފައެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުންނުން ފެށިގެން ވަޒީރުންނާއި އެމްޑީޕީގެ އާއްމު މެންބަރުންވެސް އަންނަނީ ރައީސް މުހައްމަދު ނަޝީދުގެ އުފަން ދުވަހުގެ ތަހުނިޔާ އަރިސް ކުރަމުންނެވެ.

ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ތަހުނިޔާގެ މެސެޖުތަކަށް ޝުކުރު ދަންނަވާ އެމަނިކުފާނު ވަނީ ދިވެހި އެންމެހާ ރައްޔިތުންނަށް ޓްވީޓާ މެދުވެރިކޮށް ހާއްސަ މެސެޖެއް ދެއްވާފައެވެ. އެ މެސެޖުގައި އެމަނިކުފާނު ވިދާޅުވީ ދަތި އެތައް އުނދަގޫ ދުވަސްތަކެއް ދިވެހިން ހޭދަކޮށް އެ ދުވަސްތަކުން ސަލާމަތްވުމަށް އެތައް މަސައްކަތެއް ދިވެހިން ކޮށްފައިވާ ކަމަށެވެ. އަދި އެ ދުވަސްތަކުން އަރައިގަނެ ކުރި މަސައްކަތަށް ކާމިޔާބީތައް ވެސް ދިވެހިންނަށް ހޯދިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިދުވަސްވަރު ދިވެހިންނަށް އަނެއްކާވެސް ކުރިމަތިވެފައި މިވާ ދުވަސްތަކީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ހިތްވަރު ދޫނުކޮށް ލެއްވުމަށް ރައީސް މުހައްމަދު ނަޝީދު ވަނީ އެންމެހާ ދިވެހިންގެ ކިބައިން އެދިލައްވާފައެވެ.

ޓްވީޓުގައި އެމަނިކުފާނު ވަނީ ލޯބީގެ ލަވައެއްވެސް ދޫކޮށްލައްވާފައެވެ. އެއީ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އާއި އައިމިނަތު އަޝްރާގެ އަޑުން ކިއާފައި އޮތް "ރޭ ނިދީގައި" ލަވައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.