ޗިލްރަންސް އޮމްބަޑްސްމަނަށް 35،000 ގެ މުސާރައެއް

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެއް ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފައްދާ ޗިލްޑްރަންސް އޮމްބަޑްސްޕާސަންއަށް މުސާރައިގެ ގޮތުގައި 35،000 ރުފިޔާ ދިނުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފިއެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންއަށް މީހަކު އައްޔަނު ކުރުމުގެ ކުރިން މަޖިލީހުން މުސާރައެއް ކަނޑައަޅަން ޖެހޭ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ. މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ހުޅުމީދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބް ވަނީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންއަށް ގޮތުގައި 35،000 ރުފިޔާ އަދި 10،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ހުށަހަޅާފައެވެ. އެ ހުށަހެޅުން ފާސްކޮށްފައިވަނީ އަށް މެންބަރުންގެ ތާއީދާ އެކެއެވެ.

ގާނޫނު ތަސްދީގު ކުރައްވާތާ 30 ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށާއި އެހީތެރިކަމާއި އަޅާލުން ބޭނުންވެފައިވާ ކުދިންގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ހާއްސަވެގެން މަސައްކަތް ކުރާނެ އިދާރާއެއް “ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް”ގެ ނަމުގައި އުފެދިގެންދާނެއެވެ. މި އިދާރާއަކީ ޖެންޑާ މިނިސްޓްރީގެ ދަށުން ހިނގާނެ ސަރުކާރުގެ އިދާރާއެކެވެ.
މި އިދާރާއާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭނީ އެވަގުތެއްގައި ހުންނަވާ ޖެންޑާ މިނިސްޓަރެވެ.

ސަތޭކަ ތިރީސް ތިން މާއްދާގެ މައްޗަށް އެކުލަވާލާފައިވާ މި ގާނޫނުގެ ދަށުން ޗިލްޑްރަން އޮމްބަޑްޕާސަނެއް ހުންނަންޖެހެ އެވެ. އެއީ މިނިވަން މުސްތަގިއްލު އޮމްބަޑްޕާސަނަކަށް ވާންޖެހެ އެވެ. އަދި އޮމްބަޑްޕާސަނެއް އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

މިމަގާމަށް އައްޔަންކުރައްވާ ބޭފުޅަކު އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުން ރައީސުލްޖުމްހޫރިއްޔާ އެވެ. އޮމްބަޑްޕާސަނެއް އައްޔަންކުރައްވަން ބޭނުންވާ ފަހަރެއްގައި އެއް ނަމަށް ވުރެ ގިނަ ނަން މަޖިލީހަށް ފޮނުވަން ޖެހެ އެވެ. އެހެންކަމުން މި ގާނޫނު ތަސްދީގު ކުރައްވާތާ 60 ދުވަހުގެ ތެރޭގައި އޮމްބަޑްޕާސަނެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވަންޖެހެއެވެ.

ހަމައެއާއެކު މަޖިލީހަށް ނަން ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި މަޖިލީހުން އެ ނަމެއް ފާސްކުރަންވެސް ޖެހެއެވެ. އޮމްބަޑްޕާސަނުގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުންނާއި ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން އަދި ތަހުގީގުތަކާއި ގުޅޭ ގޮތުން ޖަވާބުދާރީވާންޖެހޭނީ ރައްޔިތުންގެ މަޖިލީހަށެވެ. އޮމްބަޑްޕާސަނެއްގެ ދައުރަކީ ފަސް އަހަރު ދުވަހުގެ ދައުރެވެ.

ހިޔާލު ދެއްވާ!

Your email address will not be published.