ކޮވިޑަށް ޕޮޒިޓިވްވި ފުލުހުންގެ އަދަދު 23އަށް

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފުލުހުން މާސްކް އަޅައިގެން-- ފޮޓޯ/ ސަން

ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި ފުލުހުންގެ އަދަދު 23 އަށް އަރާފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ކޮވިޑް19 އަށް ފުލުހުންގެ ތެރެއިން 23 ފުލުހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ހުރިހާ ފުލުހުންނާއި އެމަނިކުފާނު ވާހަކަދައްކަވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ހުރިހާ ފުލުހުންގެ ހާލަތުވެސް ރަނގަޅު ކަމަށެވެ. މީގެއިތުރުން ސީޕީ ވިދާޅުވީ ޕޮޒިޓިވްވި މީހުންނާ ގުޅިގެން ފުލުހުންގެ 239 އޮފިސަރަކާއި ސްޓާފެއް އައިސޮލޭޓްކޮށްފައިވާ ކަމަށެވެ.

ތޭވީސް ފުލުހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު 40 އަށްވުރެ ގިނަ ސިފައިން ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1078 އަށް އަރާފައިވާއިރު އެންމެ ގިނައިން ޕޮޒިޓިވްވެފައިވާ ބިދޭސީންނެވެ. މީގެތެރެއިންވެސް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނި ބަންގްލަދޭޝް މީހުންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު އުޅެނީ 557 ގައެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. ދިވެހިންގެ ތެރެއިން 382 މީހަކަށް ކޮވިޑް19 ވަނީ ޖެހިފައެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގައި ދެ މީހަކަށް ފަރުވާ ދެމުން އަންނައިރު އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންވެސް ވަނީ ވެންޓިލޭޓަރުގައެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ފަރުވާ ދެމުން ދެ މީހަކަށް ވެސް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 49 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *