ފުނަދޫ ރައްޔިތުންގެ ފަރާތުން، ނަރުދޫއަށް ބޮޑު އެހީތެރިކަމެއް!

ށ. ނަރުދޫއަށް ފޮނަދޫއިން ފޮނުވި އެހީގެ ތަކެތި-- ފޮޓޯ/ ފުނަދޫ ސޯޝަލް ސަޕޯޓް ޑެސްކް

ކޮވިޑް19ގެ ނުރައްކާ ބޮޑުވެފައިވާ ށ. ނަރުދޫއަށް، އެ އަތޮޅު ފުނަދޫ ރައްޔިތުންގެ ފަރާތުން އެހީގެތަކެތި މިއަދު ފޯރުކޮށްދީފިއެވެ.

ކޮވިޑް19 އަށް 11 މީހަކު ޕޮޒިޓިވެ، މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ނަރުދޫއަށް، ފުނަދޫ ރައްޔިތުންގެ ފަރާތުން އެހީގެ ތަކެތި ފޯރުކޮށްދިނީ ފުނަދޫ ކައުންސިލާއި އެ ރަށު ސޯޝަލް ސަޕޯޓް ޑެސްކުން އިސްނަގައިގެންނެވެ.

ފުނަދޫ ސޯޝަލް ސަޕޯޓް ޑެސްކުން “ހަތާވީސް އޮންލައިން”އާ ވާހަކަ ދެއްކި ހުސައިން އަރިފް ވިދާޅުވީ އެހީގެ ތަކެތި ފޮނުވުމުގެ ކުރިން ނަރުދޫ ރައްޔިތުން މިދަނޑިވަޅު އެންމެ ބޮޑަށް ބޭނުންވެފައި ވަނީ ކޮއްއެއްތޯ ބަލައި، އެތަކެތި ފޯރުކޮށްދިނުމަށް އިސްކަން ދީފައިވާނެ ކަމަށެވެ. ނަރުދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވުމުން ރޯ މަސް ލިބުން އެ ރަށުގައި ދަތިވެފައިވާތީ، ރޯމަހާއި ކާޑުގެ ބާވަތްތަކާއި މަސްދަޅާއި އަލަނާސިދަޅާއި ގެރިކިރާއި ނޫޑުލްސް އާއި ބްލީޗުފަދަ ތަކެތި ފޯރުކޮށްދީފައިވާ ކަމަށް އަރީފު ވިދާޅުވިއެވެ.

ނަރުދޫއަށް ފޮނުވި އެހީގެ ތަކެތީގެ އަގު 60،000 ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

އަރީފު ވިދާޅުވީ ފުނަދޫ ރައްޔިތުންގެ ފަރާތުން ނަރުދޫއަށް ފޮނުވި ތަކެއްޗަކީ ރަށުގެ ފިހާރަތަކާއި ބޭކަރީތަކާއި މަސްވެރިންނާއި ސަރުކާރުގެ އޮފީސްތަކާއި އެކި ކުންފުނިތަކުގެ ފަރާތުން ހަދިޔާ ކުރި ތަކެތި ކަމަށެވެ.

“އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް އަދި އެންމެހައި ރައްޔިތުންނަށް ޝުކުރު އަދާކުރަން. އަދި އެހީގެ ތަކެތި ނަރުދޫއަށް ގެންގޮސް ދިނުމުގައި ވަރަށް ބުރަކޮށް، މަސައްކަތް ކުރެއްވީތީ، ފުނަދޫ ސޯޝަލް ސަޕޯޓް ޑެސްކްގެ ވޮލެންޓިއަރުންނަށް ޝުކުރު އަދާކުރަން،” ފުނަދޫ ސޯޝަލް ސަޕޯޓް ޑެސްކު ލީޑު ކުރައްވާ ހުސައިން އާރިފް ވިދާޅުވިއެވެ.

ފުނަދޫ އިން ނަރުދޫއަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އެ އަތޮޅު ގޮއިދޫއިން ވެސް ވަނީ އެ ރަށަށް އެހީ ފޮނުވާފައެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published.