އަހަރު ދެބައިވީ އިރުވެސް އާމްދަނީ ފަސް ބިލިއަންގައި!

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު --

އަހަރު ދެބައިވީ އިރުވެސް ދައުލަތުގެ އާމްދަނީ އަށް މާބޮޑު ބަދަލެއް އައިސްފައިނުވާކަން ހާމަވެއްޖެއެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 5.4އެވެ. ރޭ ފިނޭންސް މިނިސްޓްރީން އާއްމުކުރި މިއަހަރުގެ 18ވަނަ ހަފްތާގެ ރިޕޯޓުގައި އާމްދަނީ އަށް ބޮޑު ބަދަލެއް އައިތަނެއް ފާހަގައެއް ނުވެއެވެ. މި ރިޕޯޓުން ދައްކާ ގޮތުގައި 5.4 ބިލިއަން އިން އާމްދަނީ އިތުރުވެފައިވަނީ 5.8 ބިލިއަން އަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 8 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.

މި އާމްދަނީގެ ތެރެއިން އެންމެ ބޮޑު އެއްޗެއް ލިބިފައިވަނީ ޓެކުހުންނެވެ. އެއީ 4.9 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކުހުގެ ގޮތުގައި 6.24 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ޓެކްސް ނޫން ގޮތް ގޮތުން 957 މިލިއަން ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ވަރަށް ކުޑަ އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް ނޫން ގޮތް ގޮތުން ދައުލަތަށް ދެ ބިލިއަން ރުފިޔާ ލިބުނެވެ.

ހިލޭ އެހީގެ ގޮތުގައި އެއްވެސް އެއްޗެއް އިތުރުވެފައެއް ނުވެއެވެ. ވޭތުވެދިޔަ ހަތަރު މަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީގެ ރިޕޯޓުގައިވެސް ހިލޭ އެހީގެ ގޮތުގައި 22.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދައްކައެވެ. އަދި ރޭ އާއްމުކުރި ރިޕޯޓުންވެސް ދައްކަނީ 22.3 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބުނު ކަމަށެވެ. އެހެންކަމުން އެ އަދަދަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

ދައުލަތަށް މިހާ ބޮޑުތަނުން އާމްދަނީ ދަށަށް ގޮސްފައި މިވަނީ ކޮވިޑް19 ގެ ސަބަބުން އިގްތިސާދަށް އައި ލޮޅުމުގެ ސަބަބުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *