ފިނޭންސްގެ ހުއްދަ ނުހޯދާ އެއްވެސް މަގާމަކަށް މުވައްޒަފަކު ނުނެގުމަށް އަންގައިފި

ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތުގެ ބޭރު --

ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ސަރުކާރުގެ އެއްވެސް އޮފީހެއްގެ އެއްވެސް މަގާމަކަށް އަލަށް މުވައްޒަފަކު ނުނެގުމަށް އެ މިނިސްޓްރީން އަންގައިފިއެވެ.

ކޮވިޑް19 ގެ ސަބަބުން މުވައްޒަފުންގެ މުސާރައަށް އައިސްފައިވާ ބަދަލުތައް ހާމަކޮށް ފިނޭންސް މިނިސްޓްރީން ރޭ ނެރެފައިވާ ސާކިއުލާއެއްގައި ބުނީ ވަކިވާ މުވައްޒަފުންގެ ބަދަލުގައިވެސް އެ މިނިސްޓްރީގެ ހުއްދަ ނެތި މުވައްޒަފުން ނަގައިގެން ނުވާނެ ކަމަށެވެ.

މުސާރަ އާއި އިނާޔަތްތަކުގެ ބޭރުން އޮފީސްތަކުގެ އާންމު ޚަރަދުތަކުގެ ތެރެއިން މުވައްޒަފުންނާއި އެހެނިހެން ފަރާތްތަކަށް ހަމަޖައްސާ އެކި "ބެނިފިޓްސް" [މިސާލަކަށް އިންޝުއަރަންސް ފަދަ ބިނެފިޓްސް] އެ މިނިސްޓްރީގެ ހުއްދަ ނެތި ނުދިނުމަށާއި މުއްދަތު އިތުރު ނުކުރުމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.

ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި އެ ސާކިއުލާގައި މާނަކޮށްފައި ވަނީ ގާނޫނު ނަންބަރު 2016/11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު) ގައި ދައުލަތުގެ މުވައްޒަފުން މާނަ ކޮށްފައިވާ ގޮތުގެ މައްޗަށެވެ.

މީގެތެރޭގައި، ދައުލަތުން ނަގާ ލޯނު އަދި ދައުލަތަށް ލިބޭ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއުތަކުން ހަރަދުކުރާ މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް ވެސް (މީގެތެރޭގައި ދުނިޔޭގެ އެހެން ގައުމުތަކަށް ހުޅުވާލައިގެން އިއުލާނުކޮށްގެން އައްޔަންކޮށްފައިވާ މަގާމުތައްވެސް ހިމެނޭ ގޮތަށް) ސާކިއުލާގައި ހިމެނޭ މާއްދާތަކާއި އެއްގޮތަށް ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ ދަންނަވާފައެވެ. މިފަދަ މަގާމުތަކުގެ ތެރޭގައި ދައުލަތުގެ އޮފީސްތަކުގައި ކޮންސިއުލޭޓަރުގެ މަގާމުގައި ތިބި މީހުން ހިމެނެއެވެ.

ފިނޭންސުން ރޭ އާއްމު ކޮށްފައިވާ ސާކިއުލާގައި ވަނީ އަސާސީ މުސާރައިގެ ގޮތުގައި 60،000 ރުފިޔާ އަށްވުރެ މަތިން މުސާރަ ލިބޭ މުވައްޒަފުންގެ އަސާސީ މުސާރައިން 35 ޕަސެންޓު އުނިކޮށްފައިވާ ކަމަށެވެ. އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއާ 60،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މުސާރަ ލިބޭ މީހުންނަށް 30 ޕަސެންޓު އުނިކޮށްފައިވާއިރު 20،000 ރުފިޔާއަށް ވުރެ ދަށުން އަސާސީ މުސާރަ ލިބޭ އެއްވެސް މުވައްޒަފެއްގެ މުސާރަ އުންޏެއް ނުކުރާނެއެވެ. އަދި 20،000 ރުފިޔާއާ 30،000 ރުފިޔާއާ ދެމެދުގެ މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓު އުނިކުރާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *