އެންމެ ގިނައިން މުސާރަ ލިބޭ މުވައްޒަފަކަށް ވެސް މީގެފަހުން ގެއަށް ގެންދަން ލިބޭނީ 70،000 ރުފިޔާ

ދައުލަތުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ: ފޮޓޯ / ސަން

ދައުލަތުގެ އެކި އިދާރާތަކުގެ މުވައްޒަފުންގެ ތެރެއިން އެންމެ ބޮޑު އާމްދަނީ އެއް ނުވަތަ މުސާރައެއް މަހެއްގެ މައްޗަށް ލިބޭ މީހަކަށްވެސް މީގެފަހުން ދެން ގެއަށް ގެންދިއުމަށް މަހެއްގެ މައްޗަށް ލިބިގެން ދާނީ 70،000 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ރޭ އާއްމު ކޮށްފައިވާ ސާކިއުލާއެއްގައި ބުނީ 80،000 ރުފިޔާއަށް ވުރެ މަތިން މުސާރަ ލިބޭ މުވައްޒަފުން ގެއަށް ގެންދިއުމަށް ދެން ލިބޭނީ 70،000 ރުފިޔާއެވެ. 25،000 ރުފިޔާއާ 30،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މުސާރަ ލިބޭ މީހުން ގެއަށް ގެންދިއުމަށް ލިބޭނީ 45،000 ރުފިޔާ ކަމަށެވެ. އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއާ 40،000 ރުފިޔާއާ ދެމެދު ލިބޭ މުވައްޒަފުން ގެއަށް ގެންދަން ލިބޭނީ 50،000 ރުފިޔާއެވެ.

އަސާސީ މުސާރައިގެ ގޮތުގައި 60،000 ރުފިޔާއާ 80،000 ރުފިޔާއާ ދެމެދު ލިބޭ މުވައްޒަފުންނަށް ގެއަށް ގެންދިއުމަށް 65،000 ރުފިޔާ ލިބޭނެ ކަމަށް ސާކިއުލާގައި ބުނެފައިވާއިރު އަސާސީ މުސާރައިގެ ގޮތުގައި 40،000 ރުފިޔާއާ 50،000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭ މުވައްޒަފުންނަށް ގެއަށް ގެންދަން ލިބޭނީ 55،000 ރުފިޔާ ކަމަށް ސާކިއުލާގައި ބުނެފައިވާއިރު 50،000 ރުފިޔާއާ 60،000 ރުފިޔާއާ ދެމެދުގެ އަސާސީ މުސާރަ ލިބޭ މުވައްޒަފުން ގެއަށް ގެންދިއުމަށް 60،000 ރުފިޔާ ލިބޭނެ ކަމަށް ފިނޭންސްގެ ސާކިއުލާގައި ބުނެފައިވެއެވެ.

ފިނޭންސުން ރޭ އާއްމު ކޮށްފައިވާ ސާކިއުލާގައި ވަނީ އަސާސީ މުސާރައިގެ ގޮތުގައި 60،000 ރުފިޔާ އަށްވުރެ މަތިން މުސާރަ ލިބޭ މުވައްޒަފުންގެ އަސާސީ މުސާރައިން 35 ޕަސެންޓު އުނިކޮށްފައިވާ ކަމަށެވެ. އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއާ 60،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މުސާރަ ލިބޭ މީހުންނަށް 30 ޕަސެންޓު އުނިކޮށްފައިވާއިރު 20،000 ރުފިޔާއަށް ވުރެ ދަށުން އަސާސީ މުސާރަ ލިބޭ އެއްވެސް މުވައްޒަފެއްގެ މުސާރަ އުންޏެއް ނުކުރާނެއެވެ. އަދި 20،000 ރުފިޔާއާ 30،000 ރުފިޔާއާ ދެމެދުގެ މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓު އުނިކުރާނެއެވެ.

މިގޮތަށް ފިނޭންސް އިން ސާކިއުލާ ނެރެ އަދި އެ ސާކިއުލާ ތަންފީޒު ކުރުމަށް އަންގާފައި ވަނީ ކޮވިޑް19 ގެ ސަބަބުން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުންނެވެ. ހަރަދު ކުޑަ ކުރުމުގތެ ގޮތުން މުވައްޒަފުންގެ މުސާރައިން ވަކި މިންވަރެއް އުނި ކުރި ނަމަވެސް ކޮވިޑް19 އާއި ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ އުނި ނުކުރައްވާނެ ކަމަށް އިއްޔެ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *