ކޮވިޑް ޖެހުނު މާބަނޑު މީހާ ވިހި ދަރިފުޅު ބައްޔަށް ނެގެޓިވް

ކޮވިޑް19 އަށް ޓެސްޓު ކުރަނީ: ފޮޓޯ / ޕޮލިސް

ކޮވިޑް19 ޖެހިފައިވާ މާބަނޑު މީހާ ވިހި ދަރިފުޅު ނެގެޓިވްވެފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެ އަންހެން މީހާ ވިހާފައި ވަނީ މި މަހުގެ 12ވަނަ ދުވަހުއެވެ. ކޮވިޑް19 އަށް އެމީހާ ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ ފަސްވަނަ ދުވަހު ހެދި ޓެސްޓުންނެވެ. އެމީހާގެ ދަރިފުޅު ކޮވިޑް19 އަށް ޓެސްޓު ކޮށްފައިވަނީ ވިހޭތާ 24 ގަޑިއިރު ފަހުންނެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރު ނަޒްލާ ރަފީގު މިރޭ ވިދާޅުވީ އެ ކުއްޖާގެ ޓެސްޓު ކޮވިޑް19 އަށް ނެގެޓިވްވެފައިވާ ކަމަށެވެ.

މި މީހާގެ އިތުރުން ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު މާބަނޑު މީހަކުވެސްވެއެވެ. ނަމަވެސް އެމީހާގެ މާބޮޑެތި ތަފްސީލުތަކެއް އެޗްޕީއޭ އަކުން ހިއްސާއެއް ނުކުރެއެވެ.

މިއަދު އެކަނިވެސް 47 މީހަކު ވަނީ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 1078 އަށް އަރާފައިވާއިރު މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 59 އަށް އަރާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *