ލެބޯޓަރީ ޓެކްނޮލޮޖިސްޓުންގެ ކަންބޮޑުވުމާއި ގުޅިގެން މަބްރޫކް މައާފަށް އެދިއްޖެ

ކޮވިޑް19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް: ފޮޓޯ / ރައީސް އޮފީސް

"އެހާ ބައިވަރު" ލެބޯޓަރީ ޓެކްނޮލޮޖިސްޓުންނާއި ނުލާ ޓެސްޓު ކުރެވޭ ކަހަކަ މެޝިނެއް ސަރުކާރުގެ މައި ހޮސްޕިޓަލު އައިޖީއެމްއެޗަށް ގެންނަ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވުމާއި ގުޅިގެން ލެބް ޓެކްނީޝަނުންގެ ފާޑު ކިޔުންތައް އަމާޒުވުމުން ދެކެވުނު ވާހަކައަށް މަބްރޫކް މައާފަށް އެދިއްޖެއެވެ.

މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ އޭނާ އަށް ދެންނެވުނު ވާހަކައަކާއި ގުޅިގެން ބުނެވުނު ގޮތާއި ގުޅިގެން ލެބޯޓަރީ ޓެކްނޮލޮޖިސްޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. މައިގަނޑު ގޮތެއްގައި ލެބް ޓެކްނީޝަނުން ފާހަގަކޮށްފައިވަނީ މެޝިނަރީޒް ގެނައި ނަމަވެސް އެބޭފުޅުންގެ ބޭނުން ނުކެނޑޭނެކަން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އަޅުގަނޑު އެކަން ބަލައިގަންނަން. އަދި ނިހާޔަތަށް މައާފަށް އެދެން، އެހެން ފަހުމްވާ ގޮތަށް ނުވަތަ އެހެން ދޭހަވާ ގޮތަށް އަޅުގަނޑަށް ބުނެވިފައި އޮތީތީވެ. ހަގީގަތަކީ އަޅުގަނޑަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހެއް ނޫން. އަޅުގަނޑު މިކަމާ ހަވާލުވީ އިރުއްސުރެ ވަރަށް ވަރަށް ބޮޑަށް ބަލަން ކަންކަން ދާގޮތް ދަސް ކުރެވޭތޯ އަދި މިކަމުގެ ތަޖުރިބާކާރުންނާއި ވާހަކަ ދެއްކޭތޯ ތަންތާ ލިޔެފައި ހުންނަ ލިޔުންތައް ކިޔޭތޯ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އޭނާ އަކީ ޓެކްނިކަލް މީހެއް ނޫން ކަމަށާއި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރުން އިންނަވަނީ ޓެކްނިކަލް ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކަމަށެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނަކަށް ހަވާލުވެލެއްވި ހިސާބުން ލިބިވަޑައިގެންނެވި ދައުވަތަކާއި ގުޅިގެން އައިޖީއެމްއެޗުގައި ހުންނަ ލެބޯރަޓަރީ އަށް ޒިޔާރަތް ކުރެއްވި ކަމަށާއި އެއީވެސް އެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލެއްވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ލެބް ޓެކްނީޝަނުން އަކީ ވަކި ހާއްސަ އިލްމެއް ހޯއްދަވައިގެން ވަކި ހާއްސަ ޓްރެއިނިންތަކެއް ހައްދަވައިގެން ވަކި ޕްރޮފެޝަނެއްގެ މަސައްކަތް ކުރައްވާ ބޭފުޅުންތަކެއް ކަމަށާއި އެއީ އެހެން ބަޔަކަށް ކުރެވޭނެ މަސައްކަތެއް ނޫން ކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ. އައިޖީއެމްއެޗް ލެބޯރަޓަރީގައި މަސައްކަތް ކުރާ ޓީމުން ކުރަމުން ގެންދަވާ މިންނެތް މަސައްކަތް ފާހަގަކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މަސައްކަތުގެ ކަވި ކަމާއި އުނދަގޫކަން އަދި މީގައި އޮތް ރިސްކު އަންދާޒާ ކުރަން ބައެއް ފަހަރު އަޅުގަނޑުމެން ވެސް ހަނދާން ނެތޭ. އެކަމާ އަޅުގަނޑުވެސް ހަމަ ދެރަވަން އަދި ހަމަ ނިހާޔަތަށް ޝުކުރު އަދާކުރަން ބޭނުންވޭ އެބޭފުޅުން ކުރައްވާ މަސައްކަތަށް،" މަބްރޫކް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *