ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 353 ބަންގްލަދޭޝް މީހުން ފޮނުވާލައިފި

ބިދޭސީންތަކެއް-

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އައި ބަންގްލަދޭޝްގެ 353 މީހަކު މިއަދު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ އެ މީހުން ފޮނުވާލާފައި ވަނީ ދިވެހި ސަރުކާރުން ޗާޓަރުކޮށްފައިވާ ބަންގްލަދޭޝްގެ ބިމާން އެއާގެ މަތިންދާ ބޯޓެއްގައި ކަމަށެވެ. އަދި ބަންގްލަދޭޝްއިން ރާއްޖެއަށް ހިލޭ އެހީ ހިފައިގެން މިއަދު އައި އެގައުމުގެ އަސްކަރީ މަތިންދާ ބޯޓުގައި މާދަމާ އިތުރު 70 މީހުން އަނބުރާ ގައުމަށް ފޮނުވާލާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީ އިން ބުނެއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގައި މީގެ ކުރިންވެސް އެގައުމުގެ އަސްކަރީ މަތިންދާ ބޯޓެއްގައި 70 މީހަކު ބަންގްލަދޭޝްއަށް ފޮނުވާލާފައިވެއެވެ.

މިއީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތުގެ ބައެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތުގައި ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިމަސައްކަތުގައި ދެގައުމުގައި ހަރަކާތްތެރިވާ ހުރިހާ އިދާރާތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޝުކުރު އަދާކުރައްވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.