9 މީހަކު ރަނގަޅުވެ، ބަލިން ސަލާމަތްވި މީހުންގެ އަދަދު 58އަށް

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 9 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ރެއާއި ހަމައަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން މުޅި ޖުމްލަ ބަލިން ރަނގަޅުވެފައި ވަނީ 49 މީހުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑޭޝް ބޯޑުން ދައްކާ ގޮތުގައި މުޅި ޖުމްލަ 58 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން އިތުރު 9 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ބަލިން ރަނގަޅުވި މީހުންނަކީ ނުވަތަ ކޭސް ނަންބަރަކީ ކޮބައި ކަމެއް ނޭނގެއެވެ.

މުޅި ރާއްޖެއިން މިހާތަނަށް ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން 58 މީހަކު ބަލިން ރަނގަޅުވިއިރު މިއަދުވެސް 47 ޕޮޒިޓިވް ކޭސް އެއް ވަނީ ފެނިފައެވެ. އެޗްޕީއޭ އިން ބުނީ 19 ދިވެހިންނާއި ބަންގްލަދޭޝް 22 މީހުންނާއި ނޭޕާލް ދެ މީހެއްގެ އިތުރުން އިންޑިއާ ހަތަރު މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި 47 މީހުންނާއި އެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1078 އަށް އަރާފައިވާއިރު އެންމެ ގިނައިން ޕޮޒިޓިވްވެފައިވާ ބިދޭސީންނެވެ. މީގެތެރެއިންވެސް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނި ބަންގްލަދޭޝް މީހުންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު އުޅެނީ 557 ގައެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. ދިވެހިންގެ ތެރެއިން 382 މީހަކަށް ކޮވިޑް19 ވަނީ ޖެހިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.