ކޮވިޑް19 އަށް ކުރާ ހަރަދުތަކާއި ގުޅޭ އޮޑިޓެއް ހަދަނީ

ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތުގެ ބޭރު --

ކޮވިޑް 19 އާއި ގުޅިގެން އިދާރާތަކުން ކުރަމުން ގެންދާ ހަރަދުތަކާއި ގުޅޭ ހާއްސަ އޮޑިޓެއް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރުންނާއި އަދި ފިނޭންސް މިނިސްޓްރީން ވެސް ބޭނުންވަނީ ރައްޔިތުންނަށް ހާމަކަން ގޮތެއްގައި އެއްވެސް ކަމެއް ނުފޮރުވާ ހިއްސާ ކުރުމަށް ކަމަށެވެ. އަދި ކޮށްފާނެ ހުރިހާ ސުވާލަކަށް ވެސް އެންމެ ފުރިހަމަ ގޮތުގައި ޖަވާބު ދެއްވަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ކޮވިޑް19 އަށް ސަރުކާރުގެ އިދާރާތަކުން ކުރަމުން ގެންދާ ހަރަދުތަކާއި ގުޅޭ އޮޑިޓެއް ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީގައި އޮންނަ ސްޓޭޓް އިންޓާނަލް އޮޑިޓް ކޮމެޓީން ކުރަމުން އަންނަ ކަމަށް އަމީރު ވިދާޅުވިއެވެ.

އެގޮތުތުން މިދިޔަ މަހުގެ 12ވަނަ ދުވަހު އަމީރުގެ އެދިލެއްވުމަކަށް އެ ކޮމެޓީން ކޮވިޑް19 އާއި ގުޅިގެން އިދާރާތަކުން ކުރަމުން އަންނަ ހަރަދުތަކާއި ގުޅޭ އޮޑިޓެއް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ މަސައްކަތް ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި ނިމޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ކޮވިޑް19 ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތަށް މިހާތަނަށް ވަނީ 814 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެ ފައިސާގެ 72 ޕަސެންޓު ހަރަދު ކުރަނީ އެސްޓީއޯ އިން ކަމަށް އަމީރު ވިދާޅުވިއެވެ. އެހެންކަމުން ސްޓޭޓް އޮޑިޓު ކޮމެޓީން އޮޑިޓަރު ޖެނެރަލްގެ އަރިހުން ވެސް އެސްޓީއޯ ގެ ހާއްސަ އޮޑިޓެއް ކުރުމަށް އަންގާފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް މިހާތަނަށް ކުރި ހަރަދުތައް 814.2 މިލިއަން ރުފިޔާއަށް އަރާފައިވާއިރު  މި ހަރަދުތައް އެންމެ ގިނައިން ކޮށްފައިވަނީ ހެލްތު މިނިސްޓްރީ އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީންނެވެ. ޖުމްލަ 814 މިލިއަންގެ ތެރެއިން މި ދެ އިދާރާއިން ވަނީ 91.5 ޕަސެންޓު ހަރަދު ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *