ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކުގެ މުސާރަ ކުޑައެއް ނުކުރާނެ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ކޮވިޑް19 ގެ ސަބަބުން ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން ވަކި މިންވަރަކަށް މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމަށް ނިންމާފައިވީ ނަމަވެސް ފްރަންޓުލައިންގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ކުޑަ ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުގެ މުވައްޒަފުންްނާއި، އެޗްޕީއޭގެ މުވައްޒަފުންނާއި، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ މުވައްޒަފުންގެ ތެރެއިން ރައީސް އައްޔަންކުރާ މަގާމުތައް ފިޔަވައި އެހެން މުވައްޒަފުންނާއި ފުލުހުންނާއި ސިފައިންގެ އިތުރުން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހަ ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ކުޑަ ނުކުރާނެ ކަމަށެވެ.

ސަރުކާރު މުވައްޒަފުންގެ ތެރެއިން 20،000 ރުފިޔާއާ 25،000 ރުފިޔާ އާއި ދެމެދުގެ އަދަދަކަށް މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމަށް ނިންމާފައިވާ ކަމަށް އިއުލާން ކުރެއްވީ މި މަހުގެ ހަތްވަނަ ދުވަހުއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ 20،000 ރުފިޔާއާ 25،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް އަސާސީ މުސާރަ ލިބޭ މީހުންގެ މުސާރަ 20 ޕަސެންޓު އަސާސީ މުސާރައިން ކަނޑާލާނެ ކަމަށެވެ.  އެހެންނަމަވެސް ދައުލަތުން މުސާރަ ދޭ މީހުންގެ ތެރޭގައި 20،000 ރުފިޔާއިން ވުރެ ދަށުން މުސާރަ ދޭ މުސާރަ އަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ 25،000 ރުފިޔާއާ 60،000 ދެމެދުގެ އަދަދަކަށް އަސާސީ މުސާރަ 30 ޕަސެންޓު ކެނޑުމަށް ނިންމާފައިވާ ކަމަށެވެ. އަދި 60،000 ރުފިޔާއިން މަތިން ލިބޭ މީހުންގެ 35 ޕަސެންޓު މުސާރައިން ކެނޑުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.