މުވައްޒަފުން ވަކިކުރި ކުންފުނިތަކަށް ޝަރުތުތަކާއި އެކު ރިލީފް ޕެކޭޖުން ފުރުސަތުތަކެއް!

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު: ފޮޓޯ / ހަތާވީސް

ކޮވިޑް19 އާއި ގުޅިގެން ވިޔަފާރި ދަށްވެ މުވައްޒަފުން ވަކިކޮށް ނުވަތަ މުވައްޒަފުންނަށް ނޯޕޭ ދިން ކުންފުނިތަކަށް ޝަރުތުތަކާއި އެކު ރިލީފް ޕެކޭޖުން ފުރުސަތުތަކެއް ދިނުމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ސަރުކާރުން އިއުލާން ކޮށްފައިވާ ރިލީފް ޕެކޭޖަށް ވަރަށް ގިނަ ކުންފުނިތަކުން ހުށަހަޅާފައިވާ ކަމަށާއި އޭގެތެރޭގައި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައިވާ ވިޔަފާރިތައް ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް އެ ވިޔަފާރިތަކުން ހުށަހެޅި ފޯމުތައް ރިޖެކްޓު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ވިޔަފާރިތައް ލޯނު ޝަރުތު ހަމަނުވާ ކަމަށާއި އެހެން ނަމަވެސް މިއީ އެންމެނަށް ވެސް ދަތި ވަގުތަކަށް ވާތީ، އެ ވިޔަފާރިތަކުގެ މުވައްޒަފުންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމުގެ ބޭނުމުގައި އެފަދަ ވިޔަފާރިިތަކަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ކުންފުނިތަކުން ވަކިކުރި މުވައްޒަފުންނަށް އަލުން ވަޒީފާ ދީ މުސާރައިގެ ގޮތުގައި މަދުވެގެން 5،000 ރުފިޔާ ދޭނަމަ ލޯނަށް ޝަރުތު ހަމަވާ ގޮތަށް މިހާރު ވަނީ ނިންމައިފައެވެ.

މިނިސްޓަރު ވިދާޅުވީ ބީއެމްއެލް އިން 111 ފަރާތަކަށް ލޯނު ދިނުމަށް އެޕްރޫވް ކުރުމަށްފަހު 83 ފަރާތަށް ލޯނު މިހާރު ދޫކޮށްފައިވާ ކަމަށެވެ. އެއީ 109.6 މިލިއަން ރުފިޔާ ކަމަށް އަމީރު ވިދާޅުވިއެވެ. އެސްޑީއެފްސީ އިން އެސްޑީއެފްސީ 380 މީހަކަށް ލޯނު ދިނުމަށް އެޕްރޫވް ކޮށްފައިވާ ކަމަށާއި އޭގެތެރެއިން 72 ފަރާތަކަށް 6.2 މިލިއަން ދޫކޮށްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.