ކުދި ވިޔަފާރިތަކަށް ދޭން ނިންމި ލޯނު 18،000 ރުފިޔާއިން 30،000 ރުފިޔާއަށް އިތުރުކޮށްފި

ކޮވިޑް19 އާއި ގުޅިގެން ކުދި ވިޔަފާރިތަކަށް ދޫކުރަން ނިންމާފައިވާ 18،000 ރުފިޔާ 30،000 ރުފިޔާ އަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މީގެކުރިން ނިންމާފައި ވަނީ ކުދި ވިޔަފާރިތަކަށް ރިލީފް ޕެކޭޖުން 18،000 ރުފިޔާ ދިނުމަށެވެ. ނަމަވެސް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ދަރުބާރުގޭގައިު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މިހާރު އެ އަދަދު 30،000 ރުފިޔާ އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން ރަޖިސްޓްރީ ނުކޮށް އަމިއްލަ މަސައްކަތް ނުވަތަ ފްރީލާންސްކޮށް މަސައްކަތް ކުރާފަރާތްތަކަށް ލޯނުގެ ގޮތުގައި ގިނަވެގެން ދޫކުރަން އެންމެ ފުރަތަމަ ނިންމީ 18،000 ރުފިޔާއެވެ. ނަމަވެސް މިއަދު މިނިސްޓަރު އަމީރު ވަނީ އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަނުން މީގެ ކުރިން ކުދި ވިޔަފާރިތަކަށް ދޭން ނިންމި 18،000 ރުފިޔާގެ ލޯނު 30،000 ރުފިޔާއަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު އަމީރު ވަނީ ކޮވިޑް19 ގެ ސަބަބުން ލިބުނު މާލީ ގެއްލުންތަކުގެ ސަބަބުން މުވައްޒަފުން ވަކިކޮށް އަދި ނޯޕޭ ދީފައިވާ ކުންފުނިތަކަށް ސަރުކާރުން އިއުލާން ކޮށްފައިވާ ރިލީފް ޕެކޭޖަށް ޝަރުތުތަކަކާއި އެކު ކުރިމަތިލުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.