ކޮވިޑާއި ގުޅިގެން ދައުލަތުން ހަރަދު ކުރާ ގޮތުގެ އޮޑިޓެއް ހަދަން ހުށަހަޅައިފި

ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ/ ފޮޓޯ- ރައްޔިތުންގެ މަޖިލިސް

މިހާރު ކުރިމަތިވެފައިވާ ކޮވިޑް19 ބަލިމަޑުކަމާއި ގުޅިގެން ދައުލަތުން ކުރާ ހަރަދުތަކާއި އަދި އެހީގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާ އިން ހަރަދު ކުރާ ގޮތުގެ އޮޑިޓެއް ހެދުމަށް ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހަޅައިފިއެވެ.

އީވާ މިގޮތަށް ހުށަހެޅީ ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން އެކުލަވާފާއިވާ ރިލީފް ޕްރޮގްރާމުތަކާއި ގުޅިގެން މަޖިލީހުން ދެކޭ ގޮތެއް ކަނޑައަޅަން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލަ މާލިއްޔަތު ކޮމެޓީން ދިރާސާ ކުރެއްވި ރިޕޯޓަށެވެ.

އީވާ ހުށަހެޅުއްވި އިސްލާހުގައި ވަނީ ހަރަދުތައް އޮޑިޓްކޮށް ކޮންމެ ކުއާޓަރެއް ނިމޭ އިރަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ފޮނުވުމަށެވެ. އިސްލާހުގައި ބުނެފައި ވަނީ ހާދިސާއެއް ހިނގާ ދުވަސްވަރެއްގައި ހާއްސަ އަހައްމިޔަތެއް ދީގެން ވަގުތުން އޮޑިޓް ކުރުމަކީ ބައިނަލް އަގުވާމީ އޮޑިޓް ނިޒާމުގައި ބާރު އަޅާ ކަމެއް ކަމަށާއި ދައުލަތުގެ އާމްދަނީ އާއި ހިލޭ އެހީ އަދި މިލްކިއްޔާތާއި ދަރަނި އޮޑިޓް ކުރުމަކީ ގާނޫނު އަސާސީ އާއި އޮޑިޓް ގާނޫނުން އޮޑިޓާ ޖެނެރަލަށް ލާޒިމް ކުރާ ކަމެއް ކަމަށެވެ.

އެހެންކަމުން ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ކޮންމެ ކުއާޓަރެއްގައި ކުރާ ހަރަދުތަކާއި ހިލޭ އެހީ އަދި ދަރަނީގެ މާލީ ރިޕޯޓުތަކުގެ ފައިނޭންޝިއަލް އޮޑިޓެއް ކޮންމެ ކުއާޓަރެއް ނިމޭތާ އެއްމަސް ދުވަހުގެ ތެރޭގައި ނިންމުމަށް އޮޑިޓާ ޖެނެރަލް އަށް އަންގަން އީވާ ހުށަހެޅިއެވެ.

މަޖިލީހުން ވަނީ އަލީ އާޒިމް ހުށަހެޅުއްވި މައްސަލައަށް ކޮމެޓީތަކުން ނިންމާ ނިންމުންތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މިހާރުވެސް މަޖިލީހުން އަންނަނީ ބައެއް ކޮމެޓީ ރިޕޯޓުތައް ފާސްކުރަމުންނެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.