މި މަހުގެ 28 ގެ ނިޔަލަށް ސަރުކާރު ބަންދު

ކެބިނެޓް ބައްދަލުވުން/ ފޮޓޯ- ރައީސް އޮފީސް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރުއްވާފައިވާ އަމުރު ތަންފީޒު ކުރެއްވުމުގެ ގޮތުން، މި މަހުގެ 28 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

އެކަމާއި ގުޅިގެން ރައީސް އޮފީހުން ބުނީ ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖެއްސެވިކަމުގައިވިޔަސް، ދައުލަތުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ އަސާސީ ޚިދުމަތްތައްދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށާއި، އޮފީސް ހުޅުވައިގެން ޚިދުމަތެއް ދެއްވަންޖެހިއްޖެނަމަ، އެ ޚިދުމަތެއް ދެއްވުމަށް ބޭނުންވާ އެންމެމަދު މުވައްޒަފުން ނެރުއްވައިގެން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ލަފަޔާއެކު، އެ އޮފީހެއްގެ ވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން، އޮފީސް ހުޅުވައިގެން އެ ޚިދުމަތެއް ދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އޮފީސްތަކަށް އަންގަވާފައެވެ.

އަދި ކުރިއެކޭވެސް އެއްގޮތަށް މި ދުވަސްތަކުގެ ތެރޭގައިވެސް ގޭގައި ތިއްބަވައިގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިއްބަވައިގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށްވެސް ވަނީ އޮފީސްތަކަށް އަންގަވާފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވި ޖުމްލަ އަދަދު ވަނީ 1000 އަށްވުރެ މައްޗަށް އަރާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *