އައްޑޫ އަށް ކުރި ވިއްސާރާގައި ބޮޑު ގެއްލުމެއް ފޭދޫއަށް!

އައްޑޫ ސިޓީ އަށް އިއްޔެ ކުރި ވިއްސާރާގައި ގެއަކަށް ފެން ވަދެފައި: ފޮޓީޯ / ކިޔުންތެރިއެއް

އިއްޔެ އައްޑޫ ސިޓީއަށް ކުރި ވިއްސާރާފައި އެންމެ ބޮޑު ގެއްލުމެއް ލިބިގެން އައްޑޫ ސިޓީ ފޭދޫ އަށް ކަމަށް އެ ސިޓީގެ ކައުންސިލުން ބުނެފިއެވެ.

އިއްޔެ އައްޑޫ ސިޓީ އަށް ކުރި ވިއްސާރާގައި ފޭދޫގެ ޖުމްލަ 98 ގެއަކަށް ވަނީ ފެން ވަދެފައެވެ. މަރަދޫ އިން ފެން ވަދެފައިވަނީ 11 ގެއަކަށެވެ. އާބާދީ އެންމެ ބޮޑު ހިތަދޫ އިން ފެން ވަދެފައި ވަނީ 28 ގެއަކަށެވެ. މި ހުރިހާ ރަށެއް އެއްކޮށް މުޅި ޖުމްލަ 151 ގެއަކަށް ވަނީ ފެން ވަދެފައެވެ. މި ގެތަކުގެ ހިފާ ގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ.

އައްޑޫ ސިޓީ އަށް އިއްޔެ ކުރި ވިއްސާރާގައި ގެއެއްގެ ސިޓިން ރޫމްތެރޭގައި ފެން ބޮޑުވެފައި: ފޮޓޯ / ކިޔުންތެރިއެއް

ރަމަޟާން މަސް ކަމުން ރޯދަ ވީއްލާނެ ގޮތެއް ނެތިފައި ތިބި 400 މީހަކަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އިއްޔެ ރޯދަ ވީއްލުމުގެ އިންތިޒާމުތައް ހަމަޖައްސައި ދީފައެވެ. އައްޑޫ ސިޓީ އަށް އިއްޔެ ވަނީ 156 މިލިލީޓަރުގެ ވާރޭ ވެހިފައެވެ.

އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ ދެކުނުގެ އެހެން ރަށްތަކަށްވެސް އަންނަނީ ވިއްސާރަ ކުރަމުންނެވެ. އެގޮތުން އިއްޔެގެ އިރު އޮއްސުމުގެ ކުރިން ގދ. ތިނަދޫ އަށް ވެހެން ފެށި ވާރޭ ރޭ ދަންވަރު ވީއިރުވެސް ހުއްޓާ ނުލައެވެ. އެކަމުގެ ސަބަބުން ތިނަދޫގެ މަގުތަކާއި ބައެއް ގެތަކަށްވެސް ވަނީ ފެން ވަދެފައެވެ. މިހާތަނަށް އެއްވެސް ގެއަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ނުލިބެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.