ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންގެ ތެރެއިން މާލީ ގޮތުން ދަތިވެފައިވާ ކުދިންނަށް އެހީވަނީ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ މުހައްމަދު ހުސެއިން (ޗަބީ)/ ފޮޓޯ: ހަތާވީސް

ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންގެ ތެރެއިން ހާލުގައި ޖެހިފައިވާ ދަރިވަރުންނަށް ފައިސާގެ އެހީ ދިނުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ވަނީ މިކަމާއި ގުޅޭ އުސޫލެއް އެކުލަވާލައިފައެވެ. އެ އުސޫލުގައި ބުނެފައިވަނީ ފައިސާގެ އެހީ ދެވެނީ އެ މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުގައި ބުނެފައިވާ ގޮތަށް ޝަރުތު ހަމަވާ ދަރިވަރުން ކަމަށެވެ.

އެގޮތުން ދަރިވަރު ކިޔަވަމުންދާ ކޯހަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ކޯހަކަށްވުމާއިއެކު އެ ކޯހަކީ ޕްރެކްޓިސް ކުރުމަށް ލައިސެންސެއް ދޭ ކޯހެއް ނަމަ، ކަމާބެހޭ އިދާރާއިން ޤަބޫލުކުރާ ކޯހެއްކަމުގައި ވާންޖެހޭނެއެވެ. ދަރިވަރު ފުރިހަމަ ކުރަމުންދާ ކޯހުގެ ހަރަދުތައް ހަމަޖައްސަމުން ދިޔައީ ސްޕޮންސަރެއްގެ އެހީއާއެކު ކަމުގައިވެފައި، ދަރިވަރަށް މާލީ އެހީދެމުންދިޔަ ފަރާތް ނުވަތަ ސްޕޮންސަރު ދެމުން ގެންދިޔަ، މާލީ އެހީގެ މިންވަރު މަދުކޮށްފައިވުން ނުވަތަ ކަނޑާލައިފައިވާ ދަރިވަރަކަށް ވާންޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އުސޫލުގައި ބުނެފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގެ ކުރިން ކިޔަވަން ފަށައިފައިވާ ދަރިވަރަކަށްވާން ޖެހެއެވެ. ދަރިވަރު ކިޔަވަމުން ދިޔައީ އަމިއްލަ ހަރަދުގައި ނަމަ، އެ ފަރާތުގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައި ވުމާއެކު، އިތުރު އެހެން މާލީ އެހީތެރިކަމެއް ނުވަތަ އަމިއްލައަށް ހަރަދު ހަމަޖެއްސޭނެ ގޮތެއް ނެތުން ނުވަތަ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު އެހެން އެއްވެސް ފަރާތެއްގެ ސްޕޮންސާގެ ދަށުން ދިރިއުޅުމުގެ އެލަވަންސް ލިބެމުންދާ ދަރިވަރެއްކަމުގައި ވެގެން ނުވާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުގައި ބުނެފައިވާ ގޮތުގައި ދިވެހި ސަރުކާރުގެ ސްކޮލާޝިޕެއްގައި ކިޔަވަމުން ދާ ދަރިވަރުންނަކީ، ނުވަތަ ލޯނުގެ އެހީގައި ކިޔަވަމުންދާ ދަރިވަރުންނަކީ، ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން މިހާރު ވެސް ފައިސާގެ އިނާޔަތް ލިބެމުންދާ ދަރިވަރުން ކަމަށެވެ. އެހެންކަމުން އެފަދަ ދަރިވަރުންނަށް މި އުސޫލުގެ ދަށުން އެހީއެއް ނުލިބޭނެއެވެ.

ނަމަވެސް، ދިވެހި ސަރުކާރުގެ ސްކޮލާޝިޕެއްގައި ނުވަތަ ލޯނު އެހީގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން، ކޯސް ފުރިހަމަ ކުރުމަށް ފަހު، ނުވަތަ ތަމްރީނު ފުރިހަމަ ކުރުމަށް ފަހު، ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހިރާއްޖެ ނާދެވިފައިވާ ދަރިވަރުންނަށް، އެ އުސޫލުގެ ދަށުން އެހީއަށް އެދި ހުށަހެޅޭނެ ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ފައިސާގެ އެހީ ޖަމާކޮށް ދެވޭނީ ދިވެހިރާއްޖޭގައި ގާއިމު ވެފައިވާ ބޭންކެއްގައި ދަރިވަރުގެ ނަމުގައި ނުވަތަ ދަރިވަރުގެ ފަރާތުން ކަނޑައަޅާ ފަރާތެއްގެ ނަމުގައި ހުޅުވައިފައިވާ ދިވެހި ރުފިޔާ އެކައުންޓަކަށެވެ. މި އުސޫލުގެ ދަށުން އެހީ ދެވޭނީ، މި އުސޫލަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެންމެ ގިނަވެގެން ދެ މަސްދުވަހުގެ މުއްދަތަށެވެ.

ސަރުކާރުން މީގެކުރިން ވެސް ވަނީ ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އެހީތެރިކަން ދެމުންނެވެ. އެގޮތުން މިބަލި ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގައި ކިޔަވަމުން ދިޔަ ދަރިވަރުން އެނބުރި ރާއްޖެ އައުމާއި ހަމައަށް ސަރުކާރުން ދިޔައީ ހަރަދުތައް ކުރަމުންނެވެ. މީގެއިތުރުންވެސް ސަރުކާރުން އަންނަނީ ބޭރުގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ހާލަތު ބަލަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *