ފިލައިގެން އުޅުނު ތިން ބިދޭސީންގެ ތެރެއިން އެކަކު ހޯދައިފި

ކޮވިޑް19އިން މާލޭގައި ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް މީހުން މޫނު ނިވާކޮށްގެން-- ފޮޓޯ/ ސަން

ކޮވިޑް19 އަށް ޕޮޒިޓިވްވެގެން ހޯދަން ފެށި ހަތް ބިދޭސީންގެ ތެރެއިން އިތުރު މީހަކު ފެނިއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ގެއްލުނު ބިދޭސީންގެ ތެރެއިން އިތުރު މީހެއް ފެނިފައިވާ ކަމަށެވެ. މިހާރު ނުފެނި ވަނީ ދެ މީހަކު ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި މީހުންނަކީ ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބުނުއިރު ޕޮޒިޓިވްކަން އެނގުނު ބައެކެވެ. ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގުޅުމުން ފޯނަށް ނުގުޅޭތީ އެ އެޖެންސީ އިން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

މިފަދަ ކޭސްތަކުގައި އަމަލު ކުރާ ގޮތަކީ އެޗްޕީއޭގެ ފަރާތުން އެކަން އެންފޯސް ކުރުމަށްޓަކައި ފުލުހުންނަށް އެ މައުލޫމާތުތައް ދެމުން ގެންދާ ކަމަށާއި އަދި ފުލުހުންނަށް ވެސް އެމީހުން ނުފެނިއްޖެ ނަމަ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެބައެއްގެ ޒާތީ މައުލޫމާތު ހާމަ ކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ދާދިފަހުން އައްޑޫ ސިޓީ ހެރެތެރެ ކަރަންޓީން ފެސިލިޓީއަކުން ފަސް ދިވެއްސަކު ވެސް ވަނީ ފިލާފައެވެ. ނަމަވެސް ފަހުން އެމީހުން ފުލުހުން ވަނީ ހޯދާފައެވެ. އަދި އެމީހުންގެ ބަންދުގެ މުއްދަތުވެސް ވަނީ އިތުރުކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.