މިއަދު ވޯޓެއް ނެގިއަސް އެމްޑީޕީ އަށް ލިބޭނީ 30 ޕަސެންޓު: މެންބަރު ހުސައިން

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ޖަލްސާއެއްގައި ވާހަކަދައްކަވަނީ --

މިއަދު ވެސް ރާއްޖޭގައި ރައްޔިތުން ފެންނަ ނުފެންނަ ވޯޓެއް ލައިފި ކަމަށްވާ ގިނަވެގެން 30 ޕަސެންޓަށްވުރެ މަތިން ސަރުކާރުން ހިންގާ މައިޕާޓީ އެމްޑީޕީއަށް ވޯޓު ނުލިބޭނެ ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

"ޗެނަލް13" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މެންބަރު ހުސައިން ވިދާޅުވީ ރައްޔިތުން މިއަދު ތިބީ ގޮތް ނިންމައިގެން ކަމަށާއި މިއަދު ވޯޓެއް ނެގި ނަމަވެސް ރައްޔިތުންގެ ވޯޓެއް އެމްޑީޕީ އަކަށް ނުލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް ބޮޑުތަނުން އިހުމާލުވެފައިވާ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުން އިންތިހާބު ކޮށްފައި ތިބީ ވަކިވަކި ދާއިރާއަކަށް ކަމަށްވީ ނަމަވެސް މުޅި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަސްލަހަތަކީ ރައްޔިތުން މަޖިލީހުގެ މެންބަރުން އިސްކުރަން ޖެހޭ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ. އައްޑޫ ސިޓީގައި ކޮވިޑް19 އަށް ޓެސްޓު ކުރެވޭނެ ކެޕޭސިޓީ ނެތުމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައަކީ އެ ބޭނުމުގައި ހުށަހެޅުއްވި މައްސަލައެއް ކަމަށް މެންބަރު ހުސައިން ވިދާޅުވިއެވެ. ޕީޕީއެމް އަކީވެސް އެތައް މެންބަރުންތަކެއް ތިބި ޕާޓީއެއްކަން ފާހަގަކުރައްވާ ހުސައިން ވިދާޅުވީ މިއަދު ޕީޕީއެމް އަކީ އިދިކޮޅުގައި އޮތް ސިޔާސީ ޕާޓީ އަށްވާއިރު ސަރުކާރުން ކަންކަންކުރާ ދޯހަޅި ގޮތްތަކުގެ ވާހަކަތައް ޕީޕީއެމް އާއިވެސް ހިއްސާ ކުރާނެ ފަރާތްތައް ތިބޭނެ ކަމަށެވެ. އައްޑޫ ސިޓީގެ ވާހަކަތައް ވެސް ޕީޕީއެމްގެ ލީޑާޝިޕަށް ލިބިގެން ދިޔައީ އެފަދައިން ކަމަށް މެންބަރު ހުސައިން ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންނަށް މިއޮތީ ފެންނަން ހަގީގަތް. މި އޮޅުވާލަން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ކަމުގައިވީ ނަމަވެސް މިވާހަކަތައް ކިތަންމެ ގޮތް ގޮތަށް އަނބުރާ ދެއްކި ކަމުގައިވީ ނަމަވެސް މިއީ އޮޅުވާލެވޭނެ ކަންތައްތަކެއް ނޫން މިއީ ދިވެހި ރައްޔިތުންގެ ލޯ ކުރިމަތީގައި. މިއޮތް ފެންނަމުން ދަނީއެއް ނޫންތޯ ދެއްކި ވާހަކަތައް ދެކޮޅު ނުޖެހޭ ކަމަށް ކަނޑައެޅިގެން ދޮގު ހަދަމުންދާ މަންޒަރު މި ފެންނަނީ،" މެންބަރު ހުސައިން ވިދާޅުވިއެވެ.

ސަރުކާރުގެ އަގު ވެއްޓިގެން ދަނީ ސަރުކާރުން ކަންކަން ކުރަމުން ގެންދާ ގޮތުގެ މަތިން ކަމަށް ހުސައިން ވިދާޅުވިއެވެ. އެކަމުގެ އެންމެ ބޮޑު މިސާލެއްގެ ގޮތުގައި އޭނާ ވަނީ ކޮވިޑް19 ގެ ސަބަބުން ސަރުކާރުން ވެފައިވާ އިހުމާލުތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން ސަރުކާރުން މިކަމަށް ތައްޔާރުވި ކަމަށް ބުނަމުން ދިޔަ ނަމަވެސް ކޮމިއުނިޓީ ސްޕްރެޑެއްގެ ގޮތުގައި މިބަލި ފެތުރެން ފެށީ ސަރުކާރުގެ އިހުމާލުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއަދު ކޮވިޑް19 ގެ ބަލި މަޑުކަމުގެ ތެރެއިން ސަރުކާރުން ހިންގަމުން ގެންދާ ކޮރަޕްޝަންގެ އަމަލުތަކަކީ އިދާރާތަކުން ބަލަން ޖެހޭނެ މައްސަލަތަކެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ފިޔަވަޅުތަކުގެ މައްޗައް ފިޔަވަޅުތައް ހަރުދަނާ ވެގެންދާނެ ކަމަށް ދެއްކިި ވާހަކަތަކަކީ ވެސް ތާކުން ތާކު ނުޖެހޭ ގޮތަށް ދެއްކި ވާހަކަތަކެއް. މި ދޭތެރެއިން އަޑުއިވިއްޖެ ފައްސިވެފައި ނައްސިވެގެން ދިޔަ ވާހަކަވެސް. ރަނގަޅު ވާހަކައެއް މިސްޓޭކެއް ހެދިދާނެ، އެހެންނަމަވެސް ޒިންމާދާރު ގޮތުގައި ދެއްތޯ ކަންކަމަށް ޖަވާބުދާރީވާން ޖެހޭނީވެސް. އެއިން އެއްވެސް ކަމެއްވެސް ފެންނަނީއެއް ނޫން،" މެންބަރު ހުސައިން ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.