ކައުންސިލަރުންނަށް ހެޔޮ އެދިގެން ހަދަން އުޅެނީ ބޮޑު ގޯހެއް!

ކައުންސިލަރުންތަކެއް --

ވެރިކަމަށް އައީ ގާނޫނީ ހުކޫމަތު ދަމަހައްޓާނެ ކަމަށް ވައުދުވަމުންނެވެ. ރައްޔިތުންގެ ވެރިކަން އަލުން ރައްޔިތުންނަށް ހޯދައި ދެއްވާނެ ކަމަށް ވައުދުވަމުންނެވެ. ރައްޔިތުންގެ އާނ ބަހަކާއި ނުލާ ގައުމުގެ ކަންކަން ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ގާނޫނީ ވެރިކަން އޭގެ ތަރަހައިގެ ތެރޭގައި ކުރާނެ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަންތައް ކުރި ފަދައިން މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުން ކޮށްގެން ބޭނުންހާ ގޮތަކަށް ގާނޫނުތައް ފާސް ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް އެތައް ފޯރަމެއްގައި ވިދާޅުވީ އަދުގެ ސަރުކާރުގެ ވެރިންނެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއެވެ. ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއެވެ. ރައްޔިތުން މަޖިލީހުގެ މެންބަރުންނެވެ. ސަރުކާރުގެ ސިޔާސީ ބޭފުޅުންޅުން ފެށިގެން ގޯސް ސޯޝަލް މީޑިއާގެ އެކްޓިވިސްޓުން ވެސް ޓްވީޓު ކުރީ މިފަދައިންނެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ކޮވިޑް19 ގެ ސަބަބުން ބޭއްވޭކަށް ނެތްކަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އެކަން އިއުލާން ކޮށްފިއެވެ. ދެން އޮތީ ކައުންސިލް އިންތިހާބަށް ހާއްސަ ވަގުތީ ގާނޫނެއް ހެދުންކަން އެނގި މަޖިލީހަށް އެ ބިލު ހުށަހަޅާ ފާސްވެސް ކޮށްފިއެވެ. ނަމަވެސް އެ ބިލާއި ވިދިގެން ސަރުކާރުން ގާނޫނުއަސާސީ އަށްވެސް އިސްލާހެއް ގެނައުމަށް ހުށަހެޅިއެވެ. އެއީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމެވެ. އެކަން ކުރެވެން އަންނަނީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން ކަމަށް ފެނިވަޑައިގަންނަވާތީ ދައުލަތުގެ ބަންޑާރަ ނާއިބު އެ ބިލު މަޖިލީހަށް ވެއްދިއެވެ. ސަރުކާރުން ބިލު ސްޕޮންސާ ކުރެއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް ހަލީމް)އެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ. ކިތަންމެ ބޮޑު މެޖޯރިޓީއެއް އެމްޑީޕީ އަށް ލިބިގެން ދިޔަ ނަމަވެސް އެ ހުރިހާ މެންބަރުން ރުއްސައިގެން ގެންގުޅުމަކީ ފަސޭހަ ކަމަށް ނުވާނެ ކަމަށެވެ. ފަހުގެ ތާރީހެއްގައި އެމްޑީޕީގެ ތެރޭގައިވެސް އަދި ވަކިން ހާއްސަކޮށް ރައްޔިތުން މަޖިލިސް ތެރޭގައިވެސް ބިލަކާއި ގުޅިގެން ހިޔާލު ތަފާތުވި ބިލަކަށް ގާނޫނުއަސާސީ އަށް ހުށަހެޅި މި އިސްލާހު ވެގެން ދާނެއެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

ބައެއް މެންބަރުންނަށް މުޅި ބިލު ގާނޫނުއަސާސީއާ ހިލާފުވިއެވެ. ސަބަބަކީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި ގާނޫނުއަސާސީ އިސްލާހު ކުރަން ޖެހޭތީއެވެ. ބައެއް މެންބަރުން ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ނުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރައްވާ ބޭފުޅުންތަކަކާއި އެ މުއްދަތުގައި ކައުންސިލްތައް ހިންގުން ހަވާލު ކުރުމަށެވެ. މި ތަޅާ ފޮޅުންގަނޑު ބޮޑުވެ އެންމެ ފަހުން ތެދުވަން ޖެހިވަޑައިގަތީ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތަށެވެ. އެމަނިކުފާނު ވިދާޅުވީ މި ދަނޑިވަޅަކީ ގާނޫނު އަސާސީގައި ބަޔާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނޫން ކަމަށާއި އަދި މިއީ ގާނޫނު އަސާސީ އިސްލާހު ކުރުމަށް ހުރަސް އެޅޭނެ ދަނޑިވަޅެއް ނޫން ކަމަށެވެ. އެމަނިކުފާނު އެފަދައިން ވިދާޅުވި ނަމަވެސް ބައެއް މެންބަރުންނަށް އެކަމެއް ހަޖަމެއް ނުކުރެއްވުނެވެ. އެންމެ ފަހުން މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާގެ ލަފަޔަކަށް އެދުނެވެ. ފިލްޒާ ވެސް ވިދާޅުވީ ބަންޑާރަ ނާއިބު ވިދާޅުވި ފަދައިންނެވެ.

ގާނޫނީ ގޮތުން މަޖިލީހުން ލަފާ ހޯދަން ޖެހޭ ދެބޭފުޅުންގެ ލަފާ ވެސް ހޯދިއްޖެއެވެ. ނަމަވެސް ގޮތްދޫ ކުރަން ބޭނުންނުވެ އެންމެ ފަހުން ސަރުކާރުން ހުށަހެޅި ބިލު ނުވަތަ އިސްލާހު އޮތް ގޮތަށް ބޭއްވުމަށްފަހު މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ގާނޫނެއް ފަރުވާކޮށް ބިލެއްގެ ސިފައިގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވިއެވެ. ހުޅުގަނޑު ފަޅައިގެން ދިޔައީ މިހާ ހިސާބުންނެވެ. ކައުންސިލަރުންނަކީ މަޖިލީހުން އައްޔަން ކުރައްވާފައިވާ ބައެއް ނޫނެވެ. އެމީހުންނަކީ ރައްޔިތުން ވޯޓު ދީގެން އިންތިހާބު ކުރައްވާފައިވާ ބަޔަކަށް ވާއިރު މަޖިލީހުން ފާސްކުރާ އާއްމު ގާނޫނަކުން މެންބަރުންގެ ދައުރު ދަންމާލެވޭނެ ހެއްޔެވެ.

މިކަން ކުރުމުގެ ސަބަބުން ނިކުންނާނެ ނަތީޖާއަކަށް ބެލުމެއް ނެތި މިކަމަށް ތާއީދު ކުރާ ފަރާތްތަކުން ހަސަން ލަތީފު ހުށަހެޅުއްވި ބިލަކީ ވަރަށް ރަނގަޅު ބިލެއް ކަމާއި އެބިލުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލާ އާ އިންތިހާބެއް ބޭއްވުމާއި ހަމައަށް ރައްޔިތުން އިންތިހާބު ކުރި މަގާމު ހުސް ކަމަކަށް ނުގޮސް ހުންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވާއިރު އެބޭފުޅުންނަށް ދެއްކޭ ވާހަކައެއް އެނގިނުލައްވަނީތޯއެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

ގާނޫނުއަސާސީގައި ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަން ވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ބުނެފައިވެއެވެ. އަދި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ގާނޫނުގައިވާ ގޮތުގެ މަތިން ކައުންސިލްތައް އުފައްދަން ވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. ގާނުނުއަސާސީގެ 230 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އުފައްދާ ކައުންސިލްތަކުގައި ހިމަނަން ވާނީ އެ ކައުންސިލްތައް ނިސްބަތްވާ ސަރަހައްދުތަކުގައިވާ ރައްޔިތުން ދިމިގްރާތީ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ނަގާ ސިއްރު ވޯޓަކުން ކަމަށް ގާނޫނުއަސާސީގެ 231 ވަނަ މާއްދާގައި ބަޔާން ކޮށްފައިވެއެވެ.

ގާނޫނުއަސާސީގެ 8 ވަނަ ބާބަށް ރިއާޔަތްކުރާއިރު، ލޯކަލް ކައުންސިލްތަކަށް މިހާރު އިންތިހާބު ކުރައްވާފައިވާ ކައުންސިލް މެންބަރުންގެ މެންބަރުކަމުގެ ދައުރު އަންނަ މަހުގެ ތިންވަނަ ދުވަހު ހަމަވާއިރު އެ ކައުންސިލުތަކަށް އާ މެންބަރުން އިންތިހާބު ނުކުރެވިއްޖެނަމަ، އަމަލުކުރެވެން އޮތް ހަމައެކަނި ގޮތަކީ، އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބު ކުރެވެންދެން، މިހާރު އެ ކައުންސިލްތަކުގައި ތިބި މެންބަރުން އެ މަގާމުތަކުގައި ދެމިތިބޭނެ ކަމަށް ގާނޫނުއަސާސީގެ 8 ވަނަ ބާބުގައި އެކަށައަޅާފައިވާ އުސޫލުތަކާއި ތައާރަޒުނުވާ ގޮތެއްގެ މަތިން އެކަން ކަނޑައެޅުމެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ފަސްވަނަ އިސްލާޙު ގެނައުމުގެ ގާނޫނުގެ ހަތަރުވަނަ މާއްދާ އެފަދައިން އޮތްހާ ހިނދަކު، އެ މާއްދާ އިސްލާހު ކުރުމަކާއި ނުލާ މިހާރު ތިން އަހަރަށް އިންތިހާބުކޮށްފައިވާ ކައުންސިލްތަކުގެ ދައުރު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އާންމު ގާނޫނަކުން އެއަށްވުރެ އިތުރު މުއްދަތަކަށް އިތުރު ކުރެވިދާނެ ހެއްޔެވެ.

(ކ-ވ) މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފިލްޒާ، ދައުލަތުގެ ބަންޑާރަ ނާއިބު ރިފްއަތު

މިކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު އަދި މަޖިލީހުގެ ކައުންސެލާ ޖެނެރަލް ވެސް ވަނީ ލަފާ އަރުވާފައެވެ. ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ފަސްވަނަ އިސްލާޙު ގެނައުމުގެ ގާނޫނުގެ ހަތަރުވަނަ މާއްދާ އެފަދައިން އޮތްހާ ހިނދަކު، އެ މާއްދާ އިސްލާހު ކުރުމަކާއި ނުލާ މިހާރު ތިން އަހަރަށް އިންތިހާބުކޮށްފައިވާ ކައުންސިލްތަކުގެ ދައުރު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އާންމު ގާނޫނަކުން އެއަށްވުރެ އިތުރު މުއްދަތަކަށް އިތުރު ނުކުރެވޭނެ ކަމަށެވެ.

ހުރިހާ ކަންކަމަށް ވެސް ރިއާޔަތްކުރާއިރު، އަންނަ މަހުގެ ތިންވަނަ ދުވަހުގެ ކުރިން ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިހާބު ނުކުރެވިއްޖެ ނަމަ މެދުވެރިވާނެ ގާނޫނީ ހުސްކަން ފޫބެއްދޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން މިހާރު އިންތިހާބުވެފައިވާ ކައުންސިލަރުންގެ މެންބަރުކަމުގެ ދައުރު އިތުރުކޮށްގެން ކަމަށްވީނަމަވެސް، އެކަން ،ކުރެވޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ހަތަރުވަނަ މާއްދާ ފުރަތަމަ އިޞްލާޙުކޮށްގެން ކަމަށް ދެބޭފުޅުން ވެސް ވިދާލުވެއެވެ.

މަޖިލީހުން މިހާރު ބަލައިގެނެ ލާމަރުކަޒީ ކޮމެޓީން ދިރާސާ ކުރަމުން އަންނަ މި ބިލު ފާސްވެއްޖެ ނަމަ ތިމާމެންގެ އަތުގައި އޮތް އާރާއި ބާރު ބޭނުން ކޮށްގެން މަޖިލީހުން ފާސްކުރާ ގާނޫނަކުން ކޮންމެ ކަމެއްވެސް ކުރުމުގެ ސަގާފަތް ފެތުރިގެން ހިނގައިދާނެއެވެ. އޭރު އިދިކޮޅުގައި ތިއްބަވައިގެން ރައީސް ޔާމީން މަޖިލީހުގެ މެޖޯރިޓީ ބޭނުން ކޮށްގެން ބޭނުން ކަމެއް ކުރައްވާ ކަމަށް ވިދާޅުވި ބޭފުޅުން ސިމްޕަލް މެޖޯރިޓީ ބޭނުން ކޮށްގެން ރިޔާސީ ދައުރެއް އިތުރު ކުރާކަށް ފަހެއް ނުޖެހޭނެއެވެ. އޭރުގެ މަޖިލީހުން ކުރި ކަންކަމުގެ ހިތި އިންތިހާބުތަކުގެ ނަތީޖާއިން އެހުރީ ފެންނާށެވެ. މިއަދު ކުރާ އެންމެ ކަމެއްގެ އަސަރު ހަމަ އެފަދައިން ފެނިގެން ހިނގައިދާނެއެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. gaanoonu dhanna golaeh thithaa ebahuritha? thiahvure social media ga miulhey meehunves maa rangalhuvaane.

ހިޔާލު ދެއްވާ!

Your email address will not be published.