ނަހުލާ ހުންނެވީ ރިސޯޓުގައި، ވަޑައިގެންނެވީ އުސޫލުތަކުގެ ތެރެއިން

ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ --

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މިވަގުތު ހުންނެވީ ރިސޯޓުގައި ކަމަށާއި އެކަމަނާ ރިސޯޓަށް ވަޑައިގަތީ މިހާރުގެ ހާލަތާއި ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެ ސެންޓަރުން ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިނިސްޓަރު ނަހުލާ އަށް ހުއްދަ ލިބިގެން ދިޔައީ ރިސޯޓުތަކުގެ އޯނަރުންނާއި އެނޫންވެސް އިންވެސްޓަރުންނަށް ރާއްޖެ އައުމުގެ ހުއްދަ ލިބޭ ހާއްސަ އުސޫލުގެ ދަށުން ކަމަށެވެ. އެހެންކަމުން އެކަމަނާ އަށް ހުއްދަ އެކަމަނާ އަށް ލިބިވަޑައިގަތީ ޓެގް ޓީމުގެ ނިންމުމަކަށްވުރެ ބޮޑަށް ވަކި ހާއްސަ އުސޫލެއްގެ ދަށުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާގެ އަރިހުގައި އިތުރު ފަސް ބޭފުޅަކުވެސް ރިސޯޓަށް ވަޑައިގެންނެވި ކަމަށާއި އެ ފަސް ބޭފުޅުންވެސް ވަޑައިގެންނެވީ އެ ހުއްދައިގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މާލެ ލޮކްޑައުން ކޮށްފައި ވަނިކޮށް މާލެ ވަޑައިގެންނެވި މައްސަލައެއް ވެސް ފެންމަތިވިއެވެ. އަދި އެ މައްސަލާގައި ރިޔާޒުގެ މައްސަލަ މަޖިލީހުގެ ސުލޫކީ ކޮމެޓީން ބެލިއެވެ. ނަމަވެސް ފަހުން ލިބުނު ލިޔެކިޔުންތަކަށް ބެލުމަށްފަހު ރިޔާޒު މާލެ ވަޑައިގަތީ އުސޫލުގެ ތެރެއިން ކަމަށް ވަނީ ނިންމާ ފާސްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *