އުއްމީދު ކުރިވަރުގެ ސާޖެއް އަދި ނާދޭ، އަޔަސް އެ ސާޖު ކުޑަވާނެ: ޑރ. އަފްޒަލް

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ރާއްޖޭގެ ޓެސްޓު ކުރެވޭ މިންވަރު މަދުވި ނަމަވެސް ބޮޑު ސާޖެއް އައިސްފި ނަމަ އެނގޭނެ ކަމަށާއި އަދި އެ ސާޖު ކުޑަވާނެ ކަމަށް މިހާރު ލަފާ ކުރެވޭ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ އަދިވެސް ކުރިން އުއްމީދު ކޮށްފައިވާ މިންވަރުގެ ސާޖެއް ނާންނަ ކަމަށެވެ. ޑރ. އަފްޒަލް ވިދާޅުވީ ސާޖެއް އައިސްފި ނަމަ އެކަން އެނގިގެން ދާނެ ކަމަށެވެ. އެގޮތުން ފްލޫ ކްލިނިކަށް ދާ މީހުންވެސް އިތުރުވެގެން ދާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

“ސާޖެއް އައިސްފިނަމަ ގައުމުވެސް ފުލޫ ކްލިނިކް ދައްކަން ދާ މީހުން އަދަދުތައް އިތުރުވާނެ. މީގެ އިތުރުން ސާރީ ކޭސްތައް، މާނައަކީ އެޑްމިޓް ކުރެވިގެންދާ ކޭސްތައް އިތުރުވެގެން ދާނެ. އެހެންވީމަ މިހާރު މި ހުރި ވަރުގެ ޓެސްޓިން ކެޕޭސިޓީ ހުރި މިންވަރަށްވެސް ސާޖެއް އަންނަ ނަމަ އެކަން ކެޕްޗާކޮށްލެވޭނެ،” ޑރ. އަފްޒަލް ވިދާޅުވިއެވެ.

ސާޖު އެންމެ ބޮޑު ކޮށްލެވޭނެ އެއްޗަކީ ލޮކްޑައުން ކަމަށާއި ލޮކްޑައުން ދިގުވެގެން ދާވަރަކަށް އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ހޭނޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ސާޖު ނުފެންނަ ސަބަބަކީ ވެސް އެއީ ކަމަށް ވެދާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިއަދު އެކަނިވެސް 27 މީހަކު ރާއްޖެއިން ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އަދި މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 982 އަށް ވަނީ އަރާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.