ލައިލަތުލްޤަދުރި: އެންމެ ރެއަކުން، 83 އަހަރުގެ ސަވާބު!

އެ ރޭ ހެޔޮ އަމަލެއް ކޮށްފިނަމަ، 83 އަހަރުގެ ސަވާބު ލިބޭނެއެވެ. ތިރީސް ހާސް ދުވަހަށް ވުރެ، ގިނަ ދުވަހުގެ ސަވާބު ލިބޭނެއެވެ. އިންސާނަކު ދުނިޔޭގައި ހުންނާނެ ކަމަށް އާންމުކޮށް ގަބޫލު ކުރެވޭ އުމުރު، 80 އަަހަރަށް ވުރެ ގިނަ ދުވަހުގެ ސަވާބަށް ނޭދޭނީ ކާކު ހެއްޔެވެ؟

ގަދަރާއި ޝަރަފުވެރިވެގެންވާ ލައިލަތުލްގަދުރި ވިލޭރޭގެ އަޅު ކަމަށް އަވަސްވެގަންނާށެވެ.

އިލްމުވެރިން ވިދާޅުވާ ގޮތުގައި ކުރިއަށް އޮތް އަހަރު ތެރޭގައި ހިނގާނޭ ކަންކަން ތަގުދީރު ކުރައްވައި ރިޒުގު ލިޔުއްވައި އަޖަލު ކަނޑައަޅުއްވާ ރެއަކީ ކޮންމެ ރަމަޟާން މަހެއްގެ ލައިލަތުލްޤަދުރި ވިލޭރެއެވެ.

އެރެއަށް ލައިލަތުލްޤަދްރި މިނަން ދެވުނީ އެރޭގައި ކުރެވޭ އަޅުކަމުގެ ގަދަރު މަތިވެރިވެގެންވާތީއެވެ. އެހެނީ އީމާންކަންމަތީގައި ހުރެ ދަރުމަޔާއި ޘަވާބު އެދިގެން އެރޭގެ އަޅުކަން ކޮށްފި މީހެއްގެ އިސްވެ ދިޔަހާ ފާފަތަކެއް ފުއްސަވައި ދެއްވާނެ ކަމުގައި ރިވާވެގެންވެއެވެ.

އެ ރެއަކީ ކޮން ރެއެއްކަން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އަށް ހުވަފެންފުޅުން ފެނިވަޑައިގަތް ކަމަށް ރިވާވެގެންވެއެވެ. އެކަމަކު ހިނގައި ދިޔަ ބައެއް ކަންކަމުގެ ސަބަބުން ހަނދުމަފުޅު ނެތި ދިޔައީ ކަމަށް ރިވާވެގެންވެއެވެ. އެ ރެއަކީ ކޮން ރެއެއްކަން ނޭނގުނު ނަމަވެސް ރަމަޟާން މަހުގެ ފަހު ދިހައިގައި ނުވަތަ ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި އަދި އޭގެ ތެރެއިން ވެސް އެންމެ ފަހުގެ އޮނަހިރި ރޭތަކުގައި އެ ރޭ ހޯދުމަށް މަސައްކަތް ކުރުމަށް މާތް ނަބިއްޔާ އިރުޝާދު ދެއްވާފައިވެއެވެ.

ލައިލަތުލްޤަދްރި ވިލޭރޭގެ އަލާމަތްތަކާއި ބެހޭ ގޮތުން އިލްމުވެރިން ވިދާޅުވެފައި ވަނީ އެއީ އަލިކަން ގަދަވެގެންވާ ރެއެއް ކަމަށެވެ. މުއުމިނުތަކުންގެ ހިތްތަކަށް އެހެން ރޭތަކުގައި އިހުސާސް ނުވާފަދަ ހިތްހަމަޖެހުމެއް އެރޭ އިޙްސާސްވާނެއެވެ. ވައިރޯޅި މަޑުވެ އެ ރޭ ހަމަހިމޭންވެގެންވެއެވެ.

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ލައިލަތުލް ޤަދްރި ސިއްރު ކުރެއްވުމުގެ އެންމެ ބޮޑު ހިކުމަތަކީ، އަޅުކަންތައް ކުރުމަށް މީސްތަކުން އަބަދު ވެސް ޝައުގުވެރި ކުރުވުމެވެ. އެއީ ކަނޑައެޅިގެން ވަކި ރެއެއް ނަމަ މީސްތަކުން އެހެން ރޭތަކަށް މާ ބޮޑު ފަރުވާލެއް ނުހުންނާނެއެވެ.

މަލާއިކަތުންނާއި ޖިބްރީލް ޢަލައިހިއްސަލާމް ބިމަށް ފައިބައިވަޑައިގަންނާ ލައިލަތުލްގަދުރި ވިލޭރޭގެ މަތިވެރި ސަވާބަށް އެދި، އަޅުކަމައިގެން ޝާމިލުވާށެވެ. ލައިލަތުލްގަދުރި ވިލޭރޭ ލިބިއްޖެނަމަ، އެއީ 30,295 ދުވަހުގެ ސަވާބެވެ. އެ ރޭ އަޅުކަމުގައި ދެމިހުރެއްޖެނަމަ، މެދުނުކެނޑި 727،080 ގަޑިއިރު އަޅުކަމުގައި ދެމިހުރުމުން ލިބޭނެ ސަވާބު ލިބިގެންދާނެއެވެ. ފަހަށް މަޑުނުކުރާށެވެ. ލަސްނުކުރާށެވެ. މިއީ ތިބާގެ ފަހު ރަމަޟާން މަހަށް ވެސް ވެދާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.