ޖަމާއަތުގައި ނަމާދުކުރަން މެދުކަނޑާލި މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

އިސްލާމީ މަރުކަޒުގައި ކުރެވިގެން ދިޔަ ހުކުރު ނަމާދެއްގެ ތެރެއިން: ފޮޓޯ / އިސްލާމިކް މިނިސްޓްރީ

ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލި މުއްދަތު އިތުރުކޮށްފިއެވެ.

‏އިސްލާމިކް މިނިސްޓްރީން ބުނީ ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތުގައި ޖަމާއަތުގައި ނަމާދު ނުކުރާ ގޮތަށް ނިންމާފައި އޮތް އޮތުން މި މަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް އިތުރު ކުރެވިފައިވާ ކަމަށެވެ.
މިޙާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި “ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!” އެފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައި ދެއްވުމަށް ދަންނަވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
އިސްލާމިކް މިނިސްޓްރީން މިގޮތަށް އަންގާފައިވާއިރު މާލެ ސަރަހައްދަށް ނެރެފައިވާ ލޮކްޑައުންގެ މުއްދަތު ރޭ ވަނީ އިތުރު 14 ދުވަހަށް އިތުރު ކޮށްފައެވެ. އެގޮތަށް އިތުރުކުރީ ކުރިޔަށް އޮތް ދެ ހަފްތާ އަކީ ރާއްޖޭގައި މިބަލި އިތުރު ބާރު މިނެއްގައި ފެތުރޭނެ ކަމަށް ސިއްހީ މާހިރުން ލަފާ ކޮށްފައިވާތީއާވެސް އެކުގައެވެ.
މިއަދުވެސް ރާއްޖެއިން ވަނީ އިތުރު 13 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު 968 އަށް އަރާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.