އާއްމު ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ފިލްޒާ ވެސް ދެކޮޅު

މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފިލްޒާ: ފޮޓޯ / މަޖިލިސް

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އާއްމު ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ރައްޔިތުން މަޖިލީހުގެ ކައުންސެލާ ޖެނެރަލް ވެސް ދެކޮޅު ހައްދަވައިފިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ “ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020” ދިރާސާ ކުރަމުން އަންނަ ލާމަރުކަޒީ ކޮމެޓީން ވަނީ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާގެ ލަފާ ހޯއްދަވާފައެވެ. އެގޮތުން އެކަމަނާ ވެސް ވަނީ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ކޮމެޓީ އަށް ދެއްވި ލަފައާ އެއްގޮތަށް ލަފާ ދެއްވާފައެވެ.

އެއީ ގާނޫނުއަސާސީގެ 8 ވަނަ ބާބަށް ރިއާޔަތްކުރާއިރު، ލޯކަލް ކައުންސިލްތަކަށް މިހާރު އިންތިހާބު ކުރައްވާފައިވާ ކައުންސިލް މެންބަރުންގެ މެންބަރުކަމުގެ ދައުރު އަންނަ މަހުގެ ތިންވަނަ ދުވަހު ހަމަވާއިރު އެ ކައުންސިލުތަކަށް އާ މެންބަރުން އިންތިހާބު ނުކުރެވިއްޖެނަމަ، އަމަލުކުރެވެން އޮތް ހަމައެކަނި ގޮތަކީ، އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބު ކުރެވެންދެން، މިހާރު އެ ކައުންސިލްތަކުގައި ތިބި މެންބަރުން އެ މަގާމުތަކުގައި ދެމިތިބޭނެ ކަމަށް ގާނޫނުއަސާސީގެ 8 ވަނަ ބާބުގައި އެކަށައަޅާފައިވާ އުސޫލުތަކާއި ތައާރަޒުނުވާ ގޮތެއްގެ މަތިން އެކަން ކަނޑައެޅުމެވެ.

އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ފަސްވަނަ އިސްލާޙު ގެނައުމުގެ ގާނޫނުގެ ހަތަރުވަނަ މާއްދާ އެފަދައިން އޮތްހާ ހިނދަކު، އެ މާއްދާ އިސްލާހު ކުރުމަކާއި ނުލާ މިހާރު ތިން އަހަރަށް އިންތިހާބުކޮށްފައިވާ ކައުންސިލްތަކުގެ ދައުރު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އާންމު ގާނޫނަކުން އެއަށްވުރެ އިތުރު މުއްދަތަކަށް އިތުރުކުރެވިދާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

މީގެއިތުރުން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ކުރިން ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ނުކުރެވިއްޖެނަމަ މެދުވެރިވާނެ ޤާނޫނީ ހުސްކަން ފޫބެއްދުމަށް އަދި ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގުމަށް ގާނޫނުއަސާސީގެ 8 ވަނަ ބާބުގެ ރޫހާއި މަގްސަދު ހާސިލް ކުރުމަށްޓަކައި އަމަލު ކުރެވެން އޮތް ގޮތަކީ ގާނޫނުއަސާސީ އަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގައިވާ ފަދައިން އެ ގާނޫނުގެ ހަތަރުވަނަ މާއްދާ އިސްލާހުކޮށް އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމި ތިބެވޭނެ ކަމަށް ކަނޑައެޅުން ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.