ރާއްޖޭގައި ތިބި ލަންކާ ރައްޔިތުންތަކެއް އެނބުރި ގައުމަށް ގެންގޮސްފި

ސްރީލަންކަން އެއާ ލަިއންސް/ ފޮޓޯ- ފޯބްސް

ރާއްޖޭގައި ތިބި އަވަށްޓެރި ސްރީލަންކާގެ ރައްޔިތުންތަކެއް އެނބުރި ގައުމަށް ގެންގޮސްދީފިއެވެ.

މި މީހުން ގޮވައިގެން ސްރީލަންކަން އެއާލައިންސްގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ހެނދުނު ވަނީ ފުރާފައެވެ. އިއްވެސް ސްރީލަންކަން އިން ރާއްޖޭގައި ތިބި ޕާކިސްތާނާއި އިތުރު ބައެއް އެހެން ގައުމުތަކުގެ ރައްޔިތުންތަކެއް ލަންކާ އަށް ވަނީ ގެންގޮސްފައެވެ. އެގޮތުން 108 ބިދޭސީއަކު ރާއްޖެއިން ގެންގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގައުމުގެ ނޫސްތަކުން ބުނާ ގޮތުގައި މިއަދުވެސް 300 އަށްވުރެ ގިނަ މީހުން ލަންކާއަށް ދާނެއެވެ. އެ ހުރިހާ އެންމެން ވެސް އެގައުމުގެ ސިފައިން ބަލަހައްޓާ ކަރަންޓީޏް ފެސިލިޓީއެއްގައި 14 ދުވަހު މަޑު ކުރާނެއެވެ.

ރާއްޖެއިން ދާދިފަހުން ވަނީ އިންޑިއާގެ ހާހެއްހާ މީހުން އެނބުރި ގައުމަށް ގެންގޮސްފައެވެ. އެގައުމުގެ ރައްޔިތުން ބަލާ އިންޑިއާ އަސްކަރިއްޔާގެ މަނަވަރެއް ވަނީ ރާއްޖެ އައިސްފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 955 އަށް އަރާފައިވާއިރު އެންމެ ގިނައިން ޕޮޒިޓިވްވެފައިވާ ބިދޭސީންނެވެ. މީގެތެރެއިންވެސް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނި ބަންގްލަދޭޝް މީހުންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު އުޅެނީ 506 ގައެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. ދިވެހިންގެ ތެރެއިން 316 މީހަކަށް ކޮވިޑް19 ވަނީ ޖެހިފައެވެ. އިންޑިއާގެ 98 މީހަކަށް ކޮވިޑް19 ވަނީ ޖެހިފައެވެ. ލަންކާ ރައްޔިތުންގެ ތެރެއިން މި ބަލި ރާއްޖެއިން ޖެހިފައިވަނީ 6 މީހަކަށެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގައި ތިން މީހަކަށް ފަރުވާ ދެމުން އަންނައިރު އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން ދެ މީހަކު ވަނީ ވެންޓިލޭޓަރުގައެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި 11 މީހަކަށް އެޑްމިޓު ކޮށްގެން ފަރުވާ ދެމުން އަންނައިރު އެ ހޮސްޕިޓަލުގައި ބިދޭސީ ދެ މީހަކަށް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ. މިބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *