ޕޮޒިޓިވްވި ހަތަރު މީހަކު ވެންޓިލޭޓަރަށް، އެކެއްގެ ހާލަތު ސީރިއަސް

ޓްރީޓޮޕް ހޮސްޕިޓަލް --

ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަތަރު މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އޭގެތެރެއިން އެކެއްގެ ހާލަތު ސީރިއަސް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގައި ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެތަނުގައި ދެން އޮތީ އެންމެ މީހެއް ކަމަށާއި އެމީހާ އަންނަނީ މަޑު މަޑުން ބަލިން ރަނގަޅުވަމުން ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

ކޮވިޑް19 ގެ ހޮސްޕިޓަލަކަށް ވަގުތީ ގޮތުން ބަދަލު ކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލުގައި 10 މީހަކަށް ފަރުވާ ދޭއިރު އެ ހޮސްޕިޓަލުގައިވެސް ދެ މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ. އަދި ވެންޓިލޭޓަރަށް ނުލާ މީހެއްގެ ހާލަތު ސީރިއަސް ކަމަށްވެސް ޑޮކްޓަރު މުރާދު ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން 955 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އަދި ތިން މީހަކު ވަނީ މިބަލީގައި މަރުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.