ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު 40 އަށް އަރައިފި

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް ފެނުނު ދުވަސްވަރު ކޮވިޑަށް ޕޮޒިޓިވްވާ މީހުން ކަރަންޓީނު ކުރުމަށް ކަރަންޓީން ފެސިލިޓީތަކަށް ގެންދިއުން: ފޮޓޯ / ޕޮލިސް

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 8 މީހަކު ރަނގަޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ ތެރެއިން ރަނގަޅުވި 8 މީހުންނަކީ ހުސް ދިވެހިން ކަމަށެވެ.

އެހެންކަމުން ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 40 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. އެއީ 26 ދިވެހިންނާއި 14 ބިދޭސީން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިއަދުވެސް ރާއްޖެއިން ވަނީ 51 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މުޅި ޖުމްލަ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 955 އަށް އަރާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.