އިންޑިއާގެ މަނަވަރުން ދިޔަ ދެ މީހަކަށް ކޮވިޑް ޖެހިއްޖެ

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދިއުމަށް ރާއްޖެ އައިސްފައިވާ އިންޑިއާ އަސްކަރިއްޔާގެ މަނަވަރު: ފޮޓޯ / ހައި ކޮމިޝަން

ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުން ގެންދިއުމަށް އެގައުމުން ފޮނުވި މަނަވަރުގައި އެނބުރި ގައުމަށް ދިޔަ ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ދެ މީހުންނަކީ ޓެމިލްނާޑުގެ ސްޓޭޓެއް ކަމަށްވާ ޓްރިޗީގެ ދެ މީހުންނެވެ. އެމީހުންގެ އިތުރުން އެ ސްޓޭޓުގެ އިތުރު 14 މީހަކު މަނަވަރުގައި ހުއްޓެވެ. ޕޮޒިޓިވްވި ދެ މީހުން ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ އެމީހުން އެނބުރި ދިއުމާ އެކު، އިއްޔެ ޓެސްޓު ކުރުމުންނެވެ.

ރާއްޖެއިން މިހާތަނަށް ދެ ފަހަރެއްގެ މަތިން މީހުން ވަނީ ފުރުވާލައިފައެވެ. އެ ހުރިހާ އެންމެންނަށް ވެސް ދެވޭނީ 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުމަށްފަހުއެވެ. އެގޮތުން ފުރަތަމަ ބުރުގައި 698 މީހަކު ފުރާފައިވާއިރު ދެވަނަ ބުރުގައި 202 މީހަކު ވަނީޫ ފުރުވާލައިފައެވެ.

ރާއްޖޭގައި ހަލުވި ކަމާއި އެކުގައި ކޮވިޑް19 ފެތުރެމުން އަންނައިރު މިހާތަނަށް އިންޑިއާއަކީ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިންވަނަ އަށް އެންމެ ގިނައިން ޕޮޒިޓިވްވި މީހުން ފެނުނު ގައުމެވެ. އެއީ 72 މީހުންނެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 904 އަށް އަރާފައެވެ.

ރާއްޖެއިން އެންމެ ގިނައިން ޕޮޒިޓިވްވެފައިވާ ބިދޭސީންނެވެ. މީގެތެރެއިންވެސް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނި ބަންގްލަދޭޝް މީހުންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު އުޅެނީ 495 ގައެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. ދިވެހިންގެ ތެރެއިން 304 މީހަކަށް ކޮވިޑް19 ވަނީ ޖެހިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.